މުސްލިމު އަޚާއާއި ބައްދަލުވުމުން އެކަކު އަނެކަކަށް ސަލާމްކުރުން

0

ތިމާގެ މުސްލިމު އަޚާއާއި ބައްދަލުވެ އޭނާ ވާހަކަދެއްކުމުގެކުރީން ، އަތާއިއަތް ޖޯޑުކޮށް މުސްލިމުންގެ ރިވެތިވެގެންވާ ސަލާމުން އެބަހީ : السّلام عليكم ورحمة الله  “މާތްﷲ ގެޙަޟްރަތުން ސަލާމަތްކަމާއި އެކަލާނގެ ރަޙްމަތް ތިބާއަށް ހުއްޓެވެ.” މިފަދައިން ބުނެ އޭނާއަށް ސަލާމްކުރަންވާނެއެވެ. މީގެ ޖަވާބުގައި ސަލާމްކުރެވުނުމީހާ وعليكم السّلام ورحمة الله وبركاته  “މާތްﷲގެ ޙަޟްރަތުން ސަލާމަތްކަމާއި އެކަލާނގެ ރަޙްމަތާއި ބަރަކާތް ތިބާއަށްވެސް ހުއްޓެވެ.” މިފަދައިން ބުނެ ސަލާމަށް ރައްދުދޭންވާނެއެވެ. މިކަމުގައި ވިސްނާލަންޖެހޭ ވަރަށް މުހިއްމުކަމެއްވެއެވެ. އެއީ ސަލާމްކުރުމަކީ ސުންނަތެއްކަމުގައިވިޔަސް ސަލާމްކުރެވިއްޖެނަމަ އެއަށް ޖަވާބުދިނުމަކީ ވާޖިބެކެވެ.

މާތްﷲ ވަޙީކުރައްވާފައިވެއެވެ. ((وَإِذَاحُيِّيْتُمْ بِتَحِيَّةٍ فَحَيُّوْا بِأَحْسَنَ مِنْهَآأَوْرُدُّوْهَآ)) (النّساء :86) މާނައީ : “ތިޔަބައިމީހުންނަށް ސަލާމަކުން ސަލާމްކުރެވިއްޖެނަމަ ، އެއަށްވުރެ ރިވެތިވެގެންވާ ސަލާމަކުން ތިޔަބައިމީހުން ސަލާމްކުރާށެވެ! ނުވަތަ (އެންމެ ކުޑަމިނުން) އެސަލާމް ރައްދުކުރާށެވެ!”

ބައްދަލުވާމީހުންގެ ބާވަތުން ، އެއްބަޔަކު އަނެއްބަޔަކަށް ސަލާމްކުރުމުގައި ގެންގުޅެންވީ އަދަބު ބަޔާންކުރައްވައި ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “يُسَلِّمُ الرَّاكِبُ عَلَي الْمَاشِىْ ، وَالْمَاشِىْ عَلَي الْقَاعِدِ ، وَالْقَلِيْلُ عَلَي الْكَثِيْرِ” (رواه البخارى ومسلم)   މާނައީ : “އެއްޗަކަށް ސަވާރުވެގެންދާމީހާ ހިނގާފައިދާމީހާއަށް ސަލާމްކުރާހުށިކަމެވެ. ހިނގާފައިދާމީހާ އިށީނދެގެންއިންމީހާއަށް ސަލާމްކުރާހުށިކަމެވެ. އަދި (ޢަދަދުގެގޮތުން) މަދުމީހުން (ޢަދަދުގެގޮތުން) ގިނަމީހުންނަށް ސަލާމްކުރާހުށިކަމެވެ.”

ތިމާގެ މުސްލިމު އަޚާއާއި ބައްދަލުވެ އެކަކުއަނެކަކަށް ސަލާމްނުކޮށް ވަކިވެގެންދިއުމާއިބެހޭގޮތުން ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “إِنَّ الْمَلاَئِكَةَ تَعْجَبُ مِنَ الْمُسْلِمِ يَمُرُّعَلَى الْمُسْلِمِ وَلاَيُسَلِّمُ عَلَيْهِ” މިޙަދީޘްގެ މުރާދަކީ : “އެއްމުސްލިމަކު އަނެއްމުސްލިމަކާ (ބައްދަލުވުމުން) އެކަކުއަނެކަކަށް ސަލާމްނުކޮށްދާ މީހާއާއިމެދު މަލާއިކަތުން ޢަޖާއިބުވެވަޑައިގަންނަވައެވެ.”

ސަލާމްކުރަންޖެހެނީ ހަމައެކަނި ތިމާ ދަންނަމީހުންނަށްނޫންކަމާއި ، ތިމާ ނުދަންނަމީހުންނަށްވެސް ސަލާމްކުރަންވާނެކަން ބަޔާންކުރައްވައި ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “وَتُقْرِأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ“(رواه البخارى ومسلم) މިޙަދީޘްގެ މުރާދަކީ : “ތިމާއަށް އެމީހަކު އެނގޭމީހާއަށާއި ، ތިމާއަށް އެމީހަކު ނޭނގޭމީހާއަށްވެސް (ތިޔަބައިމީހުން) ސަލާމްކުރާހުށިކަމެވެ.”

ސަލާމްކުރުމުގެ ސަބަބުން ލިބޭ ދުނިޔެވީ ފައިދާތަކުގެ އިތުރުން ، ސަލާމްކުރުމުގައި އެކުލެވިގެންވާ ރޫޙާނީ ފައިދާއާއިބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “مَامِنْ مُسْلِمَيْنِ يَلْتَقِيَانِ فَيَتَصَافَحَانِ إِلاَّغُفِرَلَهُمَاقَبْلَ أَنْ يَتَفَرَّقَا“(رواه أبوداود وابن ماجه والترمذي) މިޙަދީޘްގެ މުރާދަކީ : “އެއްމުސްލިމަކު އަނެއްމުސްލިމަކާއި ބައްދަލުވެ އަތާއިއަތް ޖޯޑުކޮށް (މުސްލިމުންގެ ސަލާމުން) ސަލާމްކޮށްފި ދެމީހަކު ، އެދެމީހުން ވަކިވެގެންދިޔުމުގެކުރީން (މާތްﷲ) އެދެމީހުންގެ ފާފަތައް ފުއްސަވާނެތެވެ.”

ސަލާމްކުރުމަކާއިނުލާ ވާހަކަ ދައްކާންފަށާމީހާއާއިމެދު ކަންތައްކުރަންވީ ކިހިނެއްކަން އަންގަވައި ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “مَنْ بَدَأَ بِالْكَلاَمِ قَبْلَ السَّلاَمِ فَلاَ تُجِيْبُوْهُ حَتَّى يَبْدَأَبِالسَّلاَمِ” (رواه الطبرانى وأبونعيم) މާނައީ : “ސަލާމްކުރުމަކާއިނުލާ ވާހަކަ ދައްކަންފަށައިފިމީހާ ، އޭނާ ސަލާމްކުރުމަށްފަހު (އަލުން) ވާހަކަ ދައްކަންފަށައިފުމަށްދާންދެން އޭނާއަށް (އެބަހީ : އޭނާގެ ވާހަކައަށް) އިޖާބަ ދިނުމެއްނުވެއެވެ.”

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ