ޒަވާޖީ ޙަޔާތް ބާއްޖަވެރި ކުރުމަށް…

0

މާތް ﷲ އިންސާނާ ޚަލްޤު ކުރައްވާފައި ވަނީ ފިރިހެނުންނާއި އަންހެނުން އެއްބަޔަކު އަނެއްބަޔެއްގެ ފަރާތުން އެހީތެރިކަމާއި ލޯތްބާއި އަޅާލުން ބޭނުންވާ ގޮތަށެވެ. އަދި އެއްބަޔެއް އަނެއްބަޔެއްގެ ފަރާތުން ހިތްހަމަޖެހުމާއި އުފަލާއި އަރާމު ބޭނުންވާގޮތުގައެވެ. މި ކަންތައްތައް ހުއްދަގޮތުގައި ކުރުމަށްޓަކައި މާތް ﷲ މިވަނީ ކައިވެނި ޝަރުޢު ކުރައްވާފައެވެ.

ކައިވެންޏަކީ މަތިވެރި ނިޢުމަތްތަކުގެ ތެރެއިން ނިޢްމަތެކެވެ. ކައިވެނި ޝަރްޢު ކުރެއްވުމަށްފަހު ﷲ ތަޢާލާ ވަނީ އެއީ ޢަދަދު ނުކުރެވޭ ގިނަގުނަ މަންފާ ތަކާއި ހެޔޮކަންތަކަކަށް  ޒަވާޖީ ވާޞިލުވުމަށް އޮތް ވަޞީލަތެއް ކަމުގައި ލައްވަވާފައެވެ. އެއީ ނަބީބޭކަލުންގެ ސުންނަތެކެވެ. ޞާލިހު އަޅުންގެ ދިރިއުޅުއްވުމުގެ މަގެވެ. އެހެނީ     ކައިވެންޏަކީ ކުޅޭ ކުޅިވަރެއްނޫންކަމާއި އެއީ އެއަށްވުރެން މާ މާތް ގުޅުމެއްކަން އިސްލާމްދީނުގައި ވަނީ ބަޔާން ކޮށްދެއްވާފައެވެ. އަދި ޙަރާމްކަންކަމުން ދުރުހެލިވެ ތިބުމުގެ ގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޒުވާނުންނަށް ކައިވެނި ކުރުމަށް ގޮވާލައްވާފައެވެ. ކީރިތި ރަސުލާ  ޙަދީސްކުރައްވާފައި ވެއެވެ. ]يامعشر الشباب من استطاع منكم الباء ة فليتزوج فانه أغض للبص وأحصن للفرج ومن لم يسطع فعليه بالصوم فإنه له وجاء [  މާނައީ: ” އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންކުރެ ކައިވެނީގެ ހުރިހާކަމަކަށް ކުޅަދާނަ ވެގެންވާ މީހަކު ، ފަހެ ކައިވެނި ކުރާހުށިކަމެވެ! ފަހެ ހަމަކަށަވަރުން ، މީހަކާ އިނުމީ، ލޮލަށް ރައްކާތެރިކަން ބޮޑުވެފައި، ޖިންސީ ގުނަވަނަށްވެސް އެންމެ ރައްކާތެރިކަން ބޮޑުގޮތެވެ. އަދި މީހަކާ އިނުމަށް ކުޅަދާނަކަން ލިބިގެން ނުވާ މީހާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން އެއީ އޭނާ ނުބައިކަންތަކުން ދުރުކުރާނޭ އައްޑަނައެކެވެ.”

             އިސްލާމްދީނުގައި މިހާ ބޮޑު ޤަދަރަކާއި އަހަންމިއްޔަތުކަމެއް ކައިވެނީގެ ގުޅުމަށް ދީފައިވާ އިރުވެސް އަޅުގަނޑުމެންނަށް އެއަށް ދެވޭ އިޙްތިރާމް ވަރަށް ކުޑައެވެ. މި ދެންނެވި ބަހުގެ ހެއްކެއްގެ ގޮތުން އިސްލާމީ މުޖްތަމަޢުތަކުގެ ޙާލަތަށް ބަލާލަމާތޯއެވެ. ކުރެވޭ ކައިވެނިތަކުން ބަރަކާތް ކެނޑި ، އޭގެ މައްޗަށް އާރާސްތު ކުރެވޭ ޢާއިލާތަކުގެ ގުޅުންތައް ހީނަރުވެ، ތަރުބަވީ ނިޒާމުގައި ރެނދުލައި ، އެއްބަޔަކު އަނެއް ބަޔަކަށް އޮންނަން  ޖެހޭ ލޯތްބާއި ، އިޙްތިރާމާއި އަދި އަޚުވަންތަކުމުގެ ގުޅުން ވަނީ ކެނޑިފައެވެ. ކައިވެންޏެއް ކުރި ކަމުގައި ވިޔަސް އޭގެ އަދި އޭގެ ޙަޤީޤީ މަޤްޞަދުތައް ، ދުނިޔަވީ އަދި ރޫޙާނީ އަޚްލާޤިއްޔާތާއި ސުލޫކުން ބޭރުވެ ، އެ މަޤްޞަދުތައް މާދިއްޔަތުގެ ބޭނުންތަކާއި މަސްހުނި ވުމުގެ ނަތީޖާއެއްގެ ގޮތުން ، ފަހަކަށް އައިސް ، އަޅުގަނޑުމެންގެ މުޖްތަމަޢުތަކުގައި ކުރެވޭ ގިނަ ކައިވެނިތަކުގެ ޢުމުރު ، ވަރަށް ކުރުކަމުގައި ދެންނެވުމަކީ އިންސާފުވެރި ދެންނެވުމަށް ނޫނީ ނުވާނެއެވެ. އަދި ބައެއްފަހަރު އެ ކައިވެނިތަކުގެ ޢުމުރު ދިގުވި ނަމަވެސް އިސްލާމީ ޝަރްޢީ ސިފައެއް އެ ގުޅުމެއްގައި ޖެހިފައިވާ ، އިލާހީ އެންގެވުންތަކުގެ މަތީގައި ހިތްހަމަޖެހިގެން ލޯތްބާއި އިޚްލާޞްތެރިކަމާއި ވަފާތެރިކަންމަތީގައި ދިރިއުޅުން އުޅެމުންދާ ޢާއިލާތައް މި މުޖްތަމާއުގައި މިއަދު ވަރަށް މަދެވެ. މިދެންނެވި ބަހުގެ އެންމެ ބޮޑު ހެއްކަކީ މުޅި ދުނިޔޭގެ ނިސްބަތުން ވަރި އެންމެ ގިނަ އެއް ޤައުމަކީ ދިވެހިރާއްޖެ ކަމުގައި ވުމެވެ. މިއީ މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖްތަމަޢަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެވެ. އިޖްތިމާޢީ މުހިންމު މައްސަލައެކެވެ. މިހެން މިކަން މެދުވެރިވާން ޖެހުނު މައިގަނޑު ސަބަބު ތަކަކީ ކައިވެންޏާއި ބެހޭގޮތުން އަޅުގަނޑުމެންގެ ހޭލުންތެރިކަން ދަށްވުމެވެ. ކައިވެނީގެ އަގު ވަޒަން ނުކުރެވުމެވެ. އޭގެ ޙަޤީޤީ މަޤްޞަދުތަކާއި ، އަމާޒު އޮޅިފައި ވުމެވެ. އަދި ހަމައެފަދައިން ކައިވެނީގެ ޤަދަރާއި ހައިބަތު ކުޑަކޮށްލެވުމެވެ. ޖުމްލަ ކޮށް ދަންނަވާނަމަ ، ކައިވެނީގެ ޝަރުޢީ ޙުކުމްތަކާއި މަޢްލޫމާތުތަކަށް އަޅުގަނޑުމެން ބީރައްޓެހިވުމެވެ.

        ޒަވާޖީ ޙަޔާތް ބާއްޖަވެރި ވާނީ ޙަޔާތެއް ފެށުމުގެ ކުރިން އިސްލާމުދީނުގައި ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު ޙަޔާތްފެށުމުންނެވެ. މާތް ނަބިއްޔާ  ޙަދީޘްކުރައްވާފައިވެއެވެ. تنكح المرأة لأربع لما لها ولحسبها لجمالها ولدينها فاظفر بذات الدّين تربت يداك މާނައީ:” އަންހެނުންނާ މީހުން ކައިވެނި ކޮށްއުޅެނީ ހަތަރުކަމަކަށްޓަކައެވެ. އެއަންހެނާގެ މުދަލަށްޓަކައެވެ. އަދި އެ އަންހެނާގެ ހަސަބާއި ނަސަބުގެ މޮޅުކަމަށްޓަކައެވެ. އަދި އޭނާގެ ރީތިކަމަށްޓަކައެވެ. އަދި އޭނާގެ ދީންވެރި ކަމަށްޓަކައެވެ. ފަހެ ތިބާ ދީންވެރި އަނަހެނާއާ ކާވެނިކުރުމުގެ ހެޔޮ ނަސީބު ލިބިގަންނާށެވެ! އޭރުން ތިބާއަށް ހުރިހާ ރަނގަޅު ގޮތްތަކެއް މެދުވެރިވެ ދިރިއުޅުން ބާއްޖަވެރިވާނެއެވެ.” އަދި މީގެ ތެރެއިން ދީންވެރިކަން އިސްކުރާށެވެ.”

      އަޅުގަނޑުމެންގެ ޒަވާޖީ ޙަޔާތް އަބާއްޖަވެރިވެގެންދަނީ އިސްލާމްދީނުގައި އަންގަވާއިވާ ކަންކަން ދޫކޮށްލާއި ހަވާނަފްސުގެ އެދުންތައް އެއީ މާ މޮޅު ގޮތްކަމަށް ހީކޮށް ހަވާނަފްސައް ތަބާވުމުގެ ސަބަބުންނެވެ. އަޅުގަނޑުމެންނަށް ބާއްޖަވެރިކަންލިބޭނީ އިސްލާމް ދީނުގައި އަންގާފައިވާ ގޮތައް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓާގެންކަން ކަށަވަރެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ