އުނގެނުމުގައި އެކިކުދިންނަށް ފަސޭހައީ އެކިގޮތް.

1

ތަޢުލީމު ޙާޞިލްކުރުމަކީ ހަމަ ކޮންމެ އިންސާނަކަށްމެ އެންމެ ބޭނުންތެރި އެއްކަމެވެ. އަދުގެ ދުނިޔޭގައި ތަޢުލީމާ ނުލާ އުފާވެރި ދިރި އުޅުމެއް އުޅުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން މިކަން ޙާޞިލްކުރުމަށް ކޮންމެ މީހަކުވެސް ޅައުމުރުގައި މަސައްކަތް ފަށައިގަނެއެވެ. ކޮންމެވެސް މުދައްރިސެއްގެ އެހީތެރިކަމާ އެކުގައެވެ. އެއްކަމެއް ޙާޞީލް ކުރުމަށްޓަކާ ކިތަންމެ ކުދިބަޔަކު ހަމަ އެންމެ މުދައްރިސެއް އިޚުތިޔާރު ކުރިނަމަވެސް މިހުރިހާ ކުދިން އުނގެނި ދަސްކުރަނީކީ އެއްގޮތަކަށް ނޫނެވެ.
އުނގެނި ދަސްކުރުމުގައި އެކިކުދިންނަށް ފަސޭހައީ އެކިގޮތެވެ. ބައެއްކުދިންނަކީ ކިޔާދޭ އެއްޗެއް އަޑުއަހައިގެން ފަސޭހަކަމާއެކު ދަސްކުރާ ނުވަތަ ހަނދާނުގައި ބަހައްޓާ ކުދިންނެވެ. ބައެއްކުދިންނަކީ ކިޔައިގެން ދަސްކުރާ ކުދިންނެވެ. އަނެއްބައި ކުދިންނަކީ ކަންކަމާމެދު ބަހުސް ކޮށްގެން ދަސްކުރަން ފަސޭހަކުދިންނެވެ. ހަމަ މިއާއެކު ބައެއްކުދިން ނަކީ ޢަމަލީގޮތުން ކަންކަން ކޮށްގެން ދަސްކުރާކުދިންނެވެ. އުނގެނުމާއި އުނގަންނާ ދިނުމުގައި މިކަންކަމަށް ސަމާލުކަން ދެވެނީ ކިހާ މިންވަރަކަށްބާއެވެ؟
އެޑިޔުކޭޝަލަން ސައިކޮލޮޖިސްޓް އަދި ޕްރޮފެސްރ ހަވާރޑް ގާރޑްނަރ ބަޔާންކުރާގޮތުގައި ތަފާތު 7 ވައްތަރެއްގެ ތޫނުފިލިކަން އިންސާނާގެ ކިބާގައި ހުރެއެވެ.
1. ބަހުގެ ތޫނުފިލިކަން. (ލިންގުއިސްޓިކް އިންޓެލިޖެންސް) މީގެ ތޫނުފިލިކަން ލިބިފައިވާކުދިން ވާހަކަދެއްކުންތެރިކަމާއި، ޅެންހެދުމާއި، ވާހަކަ ލިޔުމާއި މިފަދަ ބަހުގެ ހުނަރުތަކުގައި ފަސޭހަކަމާއެކު ކާމިޔާބު ޙާޞިލް ކުރާނެއެވެ. މިފަދަ ކުދިންނަށް ކިޔުމާއި ބެލުމާ އަދި ގްރޫޕްކޮށް ކިޔުމުން ފަސޭހައިން ދަސްވެއެވެ.
2. ވިސްނުމާއި ހިސާބުގެ ތޫނުފިލިކަން. (ލޮޖިކަލް-މެތެމެޓިކަލް އިންޓެލިޖެންސް) ކަންކަމުގެ ސަބަބު ބުނެދިނުމާއި ހިސާބުނަމްބަރު ހެދުމާއި ކަންކަން ތަޖުރިބާ ކުރުމުގައި މިފަދަކުދިން ފަސޭހަކަމާއެކު ކާމިޔާބު ޙާޞިލް ކުރެއެވެ. ވިސްނުން ބޭނުންކުރުމުގެ ގޭމްތަކާއި އަމިއްލަ ތަޖުރިބާއިން ކަންކަން ދަސްކުރުމަކީ މިފަދަ ކުދިންނަށް ފަސޭހަ ކަމެކެވެ.
3. މިޔުޒިކް ނުވަތަ ރާގުގެ ތޫނުފިލިކަން. (މިޔުޒިކަލް ރިދެމިކް އިންޓެލިޖެންސް) ތަފާތު އަޑުތަކަށް މިފަދަކުދިން ޝައުގުވެރިވާނެއެވެ. މިޔުޒިކާއި އޭގެ ބައިތަށް ފަސޭހަކަމާއެކު މިފަދަކުދިން ދަސްކުރެއެވެ. މިޔުޒިކްގެ ހަމަތަކަށް ފައްތައިގެން ކަންކަން ދަސްކުރުމަކީ މިފަދަ ކުދިންނަށް ފަސޭހަގޮތެކެވެ. މިފަދަކުދިން ފިލާވަޅުވެސް ލަވަޔަކަށް ނުވަތަ ޅެމަކަށް ހަދާލައިގެން ނުވަތަ ކޮންމެވެސް ރާގަކަށް ފައްތާލައިގެން ފަސޭހަ ކަމާއެކު ދަސްކުރެއެވެ.
4. ހަށިގަނޑުގެ ހަރަކާތްތެރި ކަމުގެ ތޫނުފިލިކަން. (ބޮޑީލީ/ކައިނޭސްތެޓިކް އިންޓެލިޖެންސް) ކަންކަން ދަސްކުރުމުގައި މިފަދަކުދިން ހަށިގަނޑުގެ ގުނަވަންތައް ނުވަތަ ހުރިހާ ގުނަވަނެއް ބޭނުންކުރެއެވެ. އެއްވެސް ހަރަކާތްތެރިކަމެއްނެތި މަޑުމަޑުންތިބެ ފިލާވަޅު ދަސްކުރުމަކީ މިފަދަ ކުދިންނަށް ވަރަށް އުނދަގޫކަމެކެވެ. އެތްލެޓިކްސް އާއި އެކްޓް ކުރުމާއި ޑާންސް ކުރުމަކީ މިފަދަކުދިން ވަރަށް ފަސޭހައިން ކާމިޔާބު ހޯދާނެކަންކަމެވެ. ތަފާތު ފިޒިކަލް ހަރަކާތްތަކުން ތަކެތި ދަސްކުރުމަކީ މިފަދަކުދިން ނަށް ވަރަށް ފަސޭހަ ކަމެކެވެ.
5. ތަސައްވަރުގެ ތޫނުފިލިކަން. (ސްޕޭޝިއަލް އިންޓެލިޖެންސް) ކަންކަން ތަސައްވަރު ކުރުމާއި ޗާޓްތައް ދެނެގަތުމުގައި މިފަދަކުދިން ތޫނުފިލިވާނެއެވެ. ދަތުރުފަތުރު ކުރުމާ ނިޔަމިކަމުގައި މިފަދަކުދިން ފަސޭހަކަމާއެކު ކާމިޔާބު ހޯދާނެއެވެ. ފީލްޑް ޓްރިޕްތަކުން މިފަދަކުދިން ވަރަށްގިނަ ކަންކަން ފަސޭހަކަމާއެކު ދަސްކުރާނެއެވެ.
6. ނަފްސީ ތޫނުފިލިކަން. (އިންޓްރާ ޕާރސަނަލް އިންޓެލިޖެންސް) މިފަދަ ތޫނުފިލިކަން ހުންނަ ކުދިންނަށް އެކުދިންގެ އަމިއްލަ ނަފްސު ވަރަށް ރަނގަޅަށް އެނގޭނެއެވެ. ތިމާއަށް ކުރެވޭނެ ކަންކަމާ، ކުރަންބޭނުންވާ ކަންކަމާ އަދި ނުކުރެވޭނެ ކަންކަން ފަސޭހަކަމާއެކު ދެނެގަންނާނެއެވެ. ތިމާ ޝައުގުވެރިވާ ކަންކަމާ ތިމާ ޙާސިލް ކުރަން ބޭނުންވާ ކަންކަން މިފަދަކުދިންނަށް އެނގޭނެއެވެ. އެހެންކުދިންނާ ގުޅިގެން އުޅުމަކީ މިފަދަކުދިން ލަދުގަންނަ ކަމެކެވެ. މިފަދަކުދިންނަށް ދަސްކުރަން އެންމެ ފަސޭހަ ވާނީ ވަރަށް ހަމަހިމޭން މާހައުލެއްގައެވެ.
7. ދޭދޭ ގުޅުމުގެ ތޫނުފިލިކަން. (އިންޓަރ ޕާރސަނަލް އިންޓެލިޖެންސް) މިފަދަކުދިން އަނެކާ ދެނެގަތުމާ ރަހުމަތްތެރިން ހޯދުން އަވަސްވެފާ ފަސޭހަވާނެއެވެ. އަނެކާގެ އިހުސާސްތައް ފަސޭއިން ދެނެގަންނާނެއެވެ. ގްރޫޕް މަސައްކަތާ ސެމިނާރ ފަދަކަންކަމުން މިފަދަކުދިން ދަސްކުރާލެއް ފަސޭހަވާނެއެވެ. އަނެކުންނާ ގުޅިގެން މަސައްކަތްކުރަން މިފަދަކުދިންނަށް ވަރަށް ފަސޭހަ ވާނެއެވެ.
ކުއްޖެއްގެ ހުންނާނީކީ ކޮންމެހެން މިދެންނެވުނު ވައްތަރުތަކުގެ ތެރެއިން އެންމެ ވައްތަރެއްގެ ތޫނުފިލިކަމެއް ނޫނެވެ. އެހެނަސް އެކި ކުދިންގެ އިތުރުވެފައި ބާރުގަދަވާނީ ކޮންމެވެސް އެއް ތޫނުފިލިކަމެކެވެ. އެކިކުދިންނަށް ދަސްކުރަން އެކިގޮތް ފަސޭހަވަނީ މިސަބަބާ ހެދިއެވެ. ދަރިވަރުންނަށް ކިޔަވާ ދިނުމުގައި އުޅުއްވާ މުދައްރިސުން ފިލާވަޅުތައް ރޭއްވެވުމުގައި މިފަދަ ތަފާތު ތޫނުފިލިކަމުގެ ކުދިން ކުލާހުގައި ތިބޭނެކަމާމެދު ވިސްނާލަން ޖެހެއެވެ. އަދި ބެލެނިވެރިންވެސް އެކިކުދިން ފިލާވަޅު ދަސްކުރުމުގައި ފަސޭހަވާނީ އެކިގޮތްކަން ދަންނާން ޖެހެއެވެ. އެކުއްޖެއްގެ އެންމެ ކުޅަދާނަ ތޫނުފިލިކަން އެކުއްޖެއްގެ އުނގެނުމުގައި ބޭނުންކުރާނެ ފުރުސަތު ހަމަ ކޮންމެ ކުއްޖަކަށްވެސް ފޯރުކޮށްދޭން ޖެހެއެވެ. ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ހެދުމަށްޓަކައެވެ.

ޝެއާކުރައްވާ

1 Comment

  1. މުޙައްމަދު ގާސިމް މުގާޒު on

    މިފަދަ ލިޔުންތައް ލިޔާއިރު ލިޔުނު މީހެއްގެ ނަން ޖަހާލިނަމަ އަޅެކީއްވާނެބާ؟

ޚިޔާލު ފާޅުކުރަށްވާ