ދަރިންގެ ތަޢުލީމުގައި ބައްޕައިންގެ ރޯލް.!!!

0

ތިމާގެ ދަރިފުޅު މަތީތަޢުލީމެއް ޙާޞިލްކޮށް ރަންވަނައެއް ހޯދުމަކީ ކޮންމެ މަންމަ އަކާއި ބައްޕައެއްގެވެސް ފޮނި އުންމީދެކެވެ. އެހެނަސް މިކަންޙާޞިލް ކުރުމުގައި މައިންބަފައިންގެ ރޯލާމެދު ފުންކޮށްވިސްނާލަނީ ކިތައް ޢާއިލާއިންތޯ؟ މިއީ އުފެދޫ ބޮޑު ސުވާލެކެވެ. އަދިވަކިން ޚާއްސަކޮށް ބައްޕަގެ ރޯލަކީ ކޮބައިތޯ ވިސްނާލާ ބައްޕައިން މަދުކަމީ ހިތާމަ ހުރިކަމެކެވެ.
“ކުޑަދަރިފުޅު ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީއެވެ. އެކުއްޖާ މަޖޫސީ އަކަށް ނުވަތަ ނަސްރާނީ އަކަށް ހަދަނީ ކުއްޖާގެ މައިން ބަފައިންނެވެ.” މީ އަހަރުމެންގެ ކަންފަތުގައި އެތަކެއްފަހަރު ޖެހިފަރިތަ ވެފައިވާ ބަހެކެވެ. އެހެނަސް މިބަހާމެދު ފުންކޮށް ވިސްނާލައި ޢަމަލުތައް ބައްޓަން ކުރަނީ ކިތައް ޢާއިލާއިންތޯ؟ ހަމަ ސުވާލުނުކޮށް ދޫކޮށްލެވިދާނެތޯއެވެ؟ އަހަރުމެންގެ ގިނަ ބަފައިން ޤަބޫލުކުރާގޮތުގައި ދަރިފުޅު ސްކޫލަށް ފޮނުވުމާއި ސްކޫލްކަންކަމުގައި އުޅުމަކީ މަންމަގެ ކަމެކެވެ. އެހެން ގޮތަކަށް ބުނާނަމަ މީ “އަންހެން” ކަމެކެވެ. މިހެން މިކަން އޮތުމުގެ ސަބަބުން ދަރިންގެ ތަރުބިއްޔަތަށް މިކަމުން ކުރާއަސަރަކީ ފަހެ ކޮބައިތޯއެވެ؟
ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ދަރިވަރުންގެ ފަރާތުން ދިމާވާ އެކިކަހަލަ ނޭދެވޭ މައްސަލަތަކުގެ ބޮޑުބައެއް ހިއްސާކުރަނީ ހަމަގައިމުވެސް ފިރިހެން ކުދިން ނެވެ. އަނެއްކޮޅުން ރާއްޖޭގެ ސްކޫލްތަކުގައި ސްކޫލަށް އެހީތެރިވުމުގައި (ޕީ.ޓީ.އޭ އާއި ސްކޫލް ބޯޑު ތަކުގައި) ބޮޑުބައެއް ހިއްސާ ކުރަނީ ހަމަގައިމުވެސް އަންހެނުންނެވެ. ނުވަތަ މަންމައިން ނެވެ. މިދެކަމަކީ އޭގެޒާތުގައި ގުޅުންހުރި ދެކަމަކަށް ފަހެ ނުވާނެތޯއެވެ؟ ފުރަތަމަ ކަމަކަށް ދަރިން އުފެދުމުގައި މަންމައާއި ބައްޕަގެ ފަރާތުން ސިފަތަކެއް ދަރިންނަށް ވާރުތަކުރެއެވެ. ދެވަނަ ކަމަކަށް ކުޑަކުއްޖާ އެންމެ ފުރަތަމަ ކޮޕީ ކުރަނީ އެކުއްޖާގެ މައިންބަފައިން ނެވެ. އަދި ވަކިން ޚާއްޞަކޮށް އަންހެން ކުދިން މަންމަ އެވެ. ފިރިހެންކުދިން ބައްޕައެވެ. ޓީޗަރުންނާއި މުޖުތަމަޢުގެ “ސްޓާރުން” ކޮޕީކުރުމަކީ އަދި މާފަހުގެ ކަމެކެވެ.
ތިމާގެ ބައްބަ ސްކޫލްގެ ކަންކަމުގައި އަޅާނުލާކަން ދަރިވަރަށް އިހުސާސްވާ ހިސާބަކީ އެކުއްޖާގެ ސްކޫލް ކަންކަމުގައި އަޅާލުން ކުޑަވެދާނެ ހިސާބެކެވެ. ޚާޢްސަކޮށް ފިރިހެންކުދިން އެކުދިންގެ ބައްޕަ ކޮޕީކުރާއިރު ބައްޕަގެ މި ޢަމަލަކީ އެކުދިން ކޮޕީނުކޮށް ދޫކޮށްލާނެ ޢަމަލެއްތޯއެވެ؟ ދެންއޮތީ ބައްޕައިން ސްކޫލްގެ ކަންކަމުގައި ބައިވެރިވާ މިންވަރެވެ. ޕީ.ޓީ.އޭ.ގެ ޢާންމު ބައްދަލުވުންތަކަށް ގޮވާލުމުން ހާޟިރުވަނީ ކިތައް ފިރިހެން ބޭފުޅުންތޯއެވެ؟ ދަރިވަރުންގެ ފީޑްބެކް ދިނުމުގެ ބައްދަލުމުންތަކަށް އަންނަނީ ކިތައް ބައްޕައިންތޯއެވެ؟ ތިމާގެ ދަރިފުޅުގެ ކިޔެވުމާ އަޚުލާޤާމެދު ޓީޗަރާ ސުވާލު ކޮށްލަނީ ކިތައް ފިރިހެން ބޭފުޅުންތޯއެވެ؟ ސްކޫލުން އެނބުރި ގެއަސްއައުމުން ސްކޫލްގައި އެދުވަހު ކުރީ ކޮންކަމެއްތޯ އަދި ދަސްވީ ކޮންއެއްޗެއްތޯ ދަރިފުޅުކުރެން އަހާލަނީ ކިތައް ފިރިހެން ބޭފުޅުންތޯއެވެ؟ މިފަދަ ކޮންމެ ކަމެއް ތަމްސީލުވެގެން މިދަނީ ދަރިފުޅުގެ ކުރިމަތީގައެވެ. އެހެނަސް މިކަންކަމުން ދަރިފުޅުގެ ތަރުބިއްޔަތާއި ތަޢުލީމަށް އަސަރު ކުރާނެކަމުގައި ޤަބޫލުފުޅު ނުކުރެއްވެނިތޯއެވެ؟ ދަރިންނަށް ބޭނުންވާ ފޮތްފަންސުރާއި ޔުނީފޯމް ހޯދައި ދިނުމުން ބައްޕަގެ ރޯލް ފުރިހަމަވީތޯއެވެ؟
އަހަރުމެންގެ ބައްޕައިންގެ ތެރޭގައި ސްކޫލްގައި ކުއްޖާ އުޅެނީ ކޮން ކުލާހެއްގައިކަން އެގެނީ ކިތައް ބައްޕައިންނަށްތޯއެވެ؟ ދަރިފުޅުގެ ކުލާހުގައި އުޅެނީ ކިތައް ކުދިންތޯ؟ އަދި އެކުލާހުގެ ކުލާސްޓީޗަރަކީ ކާކުތޯ ބަލާލަނީ ކިތައްފިރިހެން ބޭފުޅުންތޯއެވެ؟ ދަރިފުޅުގެ ސްކޫލުން ކުދިންގެ ކުރިއެރުމަށް ރާވާ ހިންގަނީ ކޮންކޮން ހަރަކާތް ތަކެއްތޮ ބަލާލެވޭތޯއެވެ؟ މިފަދަ އެއްވެސް ކަމެއްގައި ބައްޕަގެ ވިސްނުމެއްނެތްކަން ދަރިފުޅަށް އިހުސާސް ކުރެވޭ ހިސާބަކީ ސްކޫލްގެ ކަންކަމުގައި ދަރިފުޅުވެސް ފަރުވާކުޑަކޮށްލާނެ ހިސާބެއްކަމީ ޔަގީންވާ ކަމެކެވެ.
ވީމާ ދަރިންގެ ކިބައިން ބޭނުންވާ ރީތިނަމާއި ފަޚުރުވެރި ނަތީޖާއަށް އުންމީދުކުރާ ކޮންމެ މަންމަޔާއި ބައްޕަޔަކު މިކަމާމެދު ފުންކޮށް ވިސްނާލުމަކީ މިއަދު ކުރަންޖެހިފައިވާ މުހިންމުކަމެކެވެ. މިލިޔުމުގައި މަންމައިންގެ ރޯލަށް އަލިއަޅުވާލާފައި ނުވަނީ އެމީހުންގެ ރޯލެއް ތަރުބިއްޔަތު ކުރުމުގައި ނެތިގެންނެއް ނޫނެވެ. މަންމައާއި ބައްޕަގެ ރޯލްވެސް މިކަމުގައި އެބައޮތެވެ. އެހެނަސް މިރޯލް އަދާކުރުމުގައި މަންމައިން ޙަރަކާތްތެރިވާ މިންވަރާ ގާތައްވެސް ބައްޕައިންގެ ޙަރަކާތްތެރިކަން ނުފެންނާތީވެ ހަމަ އެކަމުގެ މައްޗަށް އަލިއަޅުވާލީއެވެ. ފިރިހެންކުދިންގެ އަޚުލާގު ގޯސްވުމާ ބައްޕައިންގެ މިފަދަ ޙަރަކާތްތެރިކަން ކުޑަވުމުގައި ގުޅުންތަކެއް ހުރެދާނެކަމަށް ބެލެވޭތީއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ