ދޮގު ވާހަކަ ފެތުރުން

0

       އިސްލާމީ މުޖުތަމަޢުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް އެންމެ ބޮޑަށް ހުރަސް އަޅާ އެއްބަޔަކީ ދޮގުވާހަކަ ފަތުރާ މީހުންނެވެ. މި މީހުންނަކީ މުސްލިމުންގެ ތެރެއިންވީ ބަޔެއްނަމަވެސް، މާތްﷲ އަށް ބިރުވެތިކަން ކުޑަ ބަޔެކެވެ. ތިމާމެންގެ އަޚުންނާއި އުޚުތުންގެ ޙައްޤުގައި ކިތަންމެ ބޮޑު ދޮގު ވާހަކައެއްވިޔަސް ދައްކަން ފަސްނުޖެހޭ މީހުންނެވެ. އަދި ދުލުންނާއި ޤަލަމުންނާއި، ޢަމަލުން އެހެންމީހުންނަށް އުނދަގޫކޮށް އުޅޭ ބަޔެކެވެ. މުއުމިނުންގެ އެކަކު އަނެކަކާ ދޭތެރޭ އޮންނަން ޖެހޭ އުޚުއްވަތްތެރި ކަމުގެ ގުޅުން ކަނޑާލުމަށް މަސައްކަތްކުރާ ބަޔެކެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލަން އުޅޭ ބައެއްވެސް މެއެވެ. މިކަމަށްޓަކައި މާތްﷲވަނީ އެފަދަ ކަންތައްކުރުން މުސްލިމުންނަށް ނަހީ ކުރައްވާފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. “وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُبِينًا”[1] މާނައީ: “އަދި އެބައިމީހުން ހޯދައިގަތް ކުށަކާނުލައި، މުއުމިނު ފިރިހެނުންނަށާއި، މުއުމިނުން އަންހެނުންނަށް އުނދަގޫ ކުރާ މީހުން (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން އެބައިމީހުންނީ، ބުހްތާން ދޮގަކާއި، ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބަޔެކެވެ.” އަދި ކީރިތި ރަސޫލާ محمد صل الله عليه وسلم ގެ ޙަދީޘްފުޅެއްގައި ވެއެވެ. “من أحبّ أن يزحزح عن النّار, ويد خل الجنّة, فلتأته منيّته وهو يؤمن بالله واليوم الآخر, وليأت إلى النّاس الذى يحبّ أن يؤتى إليه”[2]  މާނައީ: “ނަރަކައިން މުއްތިކުރައްވާ ސުވަރުގެ ވެއްދުމަށް ލޯބިކުރާ މީހާ، ފަހެ އޭނާގެ މަރު އަންނަހިނދު، އޭނާއަކީ ﷲއަށާއި، އާޚިރަތް ދުވަހަށް އީމާންވާ ޙާލު، އޭނާގެ އަމިއްލަ ނަފްސަށް ލޯބިކުރާ މީހަކު ކަމުގައި ވާހުށިކަމެވެ!”

        އެއްވެސް މީހަކު ކުރާ ޢަމަލެއްވެސް އަދި ބުނާ ބަހެއްވެސް ﷲއަށް ވަންހަނާވެގެން ނުވެއެވެ. އެކަލާނގެއީ އެންމެހާ މީސްތަކުންގެ ޢަމަލުތަކާއި ބަސްތައް ބައްލަވާ އަދި އައްސަވާ ވޮޑިގެންވާ ރަސްކަލާނގެއެވެ. ކޮންމެ މީހަކުވެސް ދޮގު ވާހަކައެއް ދައްކާއިރު، ނުވަތަ އަނިޔާވެރި ޢަމަލެއް ކުރާއިރު ތިމާގެ މައްޗަށް ބައްލަވާ ވޮޑިގެންވާ ކަލަކުވާކަން ހަނދާންކުރަން ޖެހެއެވެ. ތިމާ އެކުރާ ނުބައިކަމުގެ ސުންޕާކަން ދުނިޔެމަތީގައި ކުރިމަތިވެ، އާޚިރަތުގައި އެކަމުގެ ނުބައި ޖަޒާ ތިމާއަށް ލިބޭނެކަންވެސް ހަނދާން ކުރަން ޖެހެއެވެ. ތިމާގެ ދުލުގެ ނުބައިކަމުންނާއި އަތުގެ އުނދަގުލުން، އެހެން މީހުން ސަލާމަތްވެގެން ނުވާނަމަ، އެމީހަކު ފުރިހަމަ މުސްލިމަކަށް ނުވާނެކަން ކީރިތި ރަސޫލާ محمد صل الله عليه وسلم ގެ ޙަދީޘްގައި ވާރިދުވެގެން ވެއެވެ. “المسلم من سلم المسلمون من لسانه ويده”[3]  މާނައީ: “ފުރިހަމަ މުސްލިމަކީ އޭނާގެ ދުލުގެ އުނދަގުލުންނާއި އަތުގެ އުނދަގުލުން އެހެން މުސްލިމުން ސަލާމަތް ވެއްޖެ މީހާއެވެ.”

      އެހެންނަމަވެސް ހިތާމަޔަކީ މިއަދު އަޅުގަނޑުމެން، ސައްތައިންސައްތަ މުސްލިމު މި ކުޑަކުޑަ ޤައުމުގައިވެސް ފެންނަމުން މިދާ މަންޒަރުތަކަކީ އެއްވެސް ފަސްޖެހުމެއްނެތި ތަފާތު ޕޯޑިއަމް ތަކުގައި އެއްމުސްލިމަކު އަނެއް މުސްލިމުއަޚާގެ އަބުރާ ޢިއްޒަތް އެއްވެސް ޖެހެލުމެއްނެތި އަރައިގަންނަ މަންޒަރެވެ. ޙަޤީޤަތް ނުބަލައި އެ އަޚާގެ ބޮލުގައި ދޮގު ތުހުމަތުތައް އަޅުވަމުން ދާ  ތަނެވެ. އަޅުގަނޑުމެންނަށް މި އަދު މި ޤައުމުގެ ކުރިމަގު މާދަމާގެ ޒުވާނުންނަށް މި ދައްކުވައިދެވެނީ ޙަޤީޤަތުގައިވެސް ހަމަ ރަނގަޅު މަންޒަރުތަކެއްތޯ މިވަނީ ސުވާލު އުފެދިފައެވެ.


[1] ( سورة الأحزاب 58 )

[2] ( رواه مسلم )

[3] ( متفق عليه )

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ