އާ ކައުންސިލާއެކު ކުރެވޭ އުންމީދުތައް!

0
kihaadhoo councillors

ކިހާދޫ ކައުންސިލަށް އަލަށް އިންތިހާބުކުރެވުނު ކައުންސިލަރުން- ފޮޓޯ: ފޭސްބުކް

ނިމިގެން މިދިޔަ ކައުންސިލާ މެދުވެސް ރައްޔިތުން ފޮނިއުއްމީދުތަކެއް ކުރިފަދައިން މިފަހަރު އަލަށް އިންތިހާބުކުރެވުނު ކައުންސިލާމެދުވެސް ރައްޔިތުން ފޮނިއުއްމީދުތަކެއް ކުރާނެކަން ޔަޤީނެވެ. ރައްޔިތުންނަށް މިހާރުއެންމެ ދަތިވެފައިވާ ކަންކަން ހައްލުކުރުމުގައި އަތުކުރި އޮޅާލައިގެން ހިތްވަރާއެކު މަސައްކަތް ކުރާނެ ކަމުގެ އުއްމީދުގައި ވޯޓްދެއްވި ހުރިހާ ރައްޔިތުންގެ ހައްޤުގައި ރަށުގެ ރައްޔިތުންނަށް ފައިދާހުރި ކޮންމެވެސް ކަމެއްކޮށްދިނުމަކީ ކައުންސިލް މެމްބަރުންގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާއެކެވެ. ކިހާދޫ ކަހަލަ ކުދިކުދި އާބާދީ އޮންނަ ރަށްރަށަށް ސަރުކާރުން އެއްވެސް ކަމެއް ނުކޮށްދޭނެއޭ ކިޔާ ހޮޅޮއަށިތަކުގައި ވާހަކަ ދައްކާލުމަކުން ފުދުނީއަކީ ނޫނެވެ.ރާއްޖޭގައި އާބާދީ ކުދި ރަށްރަށުގައިވެސް ސަރުކާރުން ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ހައްލުކޮށްދީފައި އެބަހުއްޓެވެ. ” ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެއޭ ” ބުނާ ބީދައިން ރަށުގައި ތިބެގެން ވާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. މިހާރަކީ ޤުރުބާނީތަކެއް ވެގެން ނޫނީ އެއްވެސް ކަމެއްކުރެވޭނެ ޒަމާނެއްނޫނެވެ. ރައްޔިތުންގެ ހައްގުގައި އަނބިދަރިންނާއި، އެކުވެރިންގެ އިތުރުން އުފަންރަށްދޫކޮށް ދުރަށް ދާންޖެހޭފަހަރުވެސް އަންނާނެއެވެ. ރައްޔިތުންގެ ޝަކުވާތައް ސަރުކާރަށް ފޯރުކޮށްދޭންޖެހޭ ފުރަތަމަ ބަޔަކީ ރަށުގެ ކައުންސިލްތަކެވެ. އެހެންކަމުން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންނަށް އެންމެ ދަތިވާ އަސާސީ ހިދުމަތްތަކަކީ ކޮބައިތޯ ކައުންސިލުންބަލަންޖެހެއެވެ. އަދި އެފަދަކަންތައްތައް ރަގަނޅު ކުރުމަށް މަސައްކަތް ކުރަންވެސް ޖެހޭނެއެވެ. އެގޮތުން ވޭތުވެދިޔަ ކައުންސިލްގެ އަމަލުތަކަށް ކުރުގޮތަކަށް އަލިއަޅުވާލާނަމެވެ.

ވޭތުވެދިޔަ ކައުންސިލުން އެއްމެ ފުރަތަކަ ކަމެއްގެ ގޮތުން ރަށުގެ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި މަސައްކަތް ތަކެއް ރައްޔިތުންނާގުޅިގެން ފަށައިގަތެވެ. މީގެ ނަތީޖާވެސް އެހާގޯހެއްނޫނެވެ. ރަށުގެ ރައްޔިތުން ބަލައިގަތް މިމަސައްކަތް ބޮއްސުންލައިގެން ދިޔައީ ހަމަ ކައުންސިލްގެ ފަރުވާ ކުޑަކަމުންނޭ ދެންނެވިދާނެއެވެ. އެހެނީ ބަރާބަރަށް މޮނިޓަރ ކުރަމުން ދިޔަދިޔުން ދުވަހެއް ދުވަހަކަށް  ދިޔައީ ބޮއްސުންލައިގެންނެވެ. އަދި ރަށުތެރެކުނިކަހާ އަންހެންވެރިންނަށް ލުއިކޮށްދިނުމަށްޓައި ފަހަރަކު ކަމެއް ލުއިކޮށްދެމުން ގޮސް މުޅި ޕްލޭންވެސް ބޮއްސުންލީއެވެ.

ދެވަނައަށް ކައުންސިލުން މަސައްކަތް ފެށީ ބަނދަރުގެ ބޭރުތޮށިގަނޑު ރައްޔިތުންގެ އެހީތެރިކަމާއެކު ޖެހުމަށެވެ. އެގޮތުން މިމަސައްކަތްވެސް މަސައްކަތުގެ ކުރީކޮޅި ފޯރީގައި ކުރެވުނުނަމަވެސް ދުވަހެއް ދުވަހެއް ދިޔައީ ފަޑުވަމުންނެވެ. އެހެންނަމަވެސް އެމަސައްކަތުގައި އުޅުނު މަދު ރައްޔިތުންގެ އެހީތެރިކަމާއެކު ބަނދަރުގެ ހުޅަނގު ތޮށިގަނޑު ޖަހާ ތޮށިގަނޑުގެ މައްޗަށް ސިމެންތިއަޅާ އެއްވަރުކުރިއެވެ. ސަރުކާރުގައި އެހީއަކަށް ދެންނެވުމުން ސަރުކާރުން ދެއްވި 800 ކޮތަޅު  ސިމެންތި ބޭނުންކޮށްގެން ތޮށިގަނޑުގެ މަތި އެއްވަރުކުރުމަށްފަހު، ނެރުފައިކަށި ޖެހުމުގެ މަސައްކަތް ފަށައިގަނެވުނެވެ. އެހެންނަމަވެސް އަދިވެސް ނެރުފައިކަށީގެ މަސައްކަތް ނިންމާލެވޭގޮތެއްނުވެއެވެ. ރައްޔިތުންނަށް ލިބުނު 800  ކޮތަޅު ސިމެންތީގެ ތެރެއިން 150 އާ ގާތްކުރާ އަދަދަކަށް ސިމެންތި ކޮތަޅު ގުދަނުގައި ހުރެ ގާވަނީއެވެ.

ކައުންސިލާއި،  ކިހާ ޖަމިއްޔާއާއި ، ޒުވާނުން ހިއްސާވާގޮތަށް އަލިފުޅު ތުއްތު ފައުންޑޭޝަނުންގެ އެހީ ލިބިގެން އަންހެނުންގެ މިސްކިތް ޕްރީސްކޫލަކަށް ބަދަލުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބިގެން އަހަރެއްހާ ދުވަސްވީއިރުވެސް އަދިވެސް އެތަނުގެ މަސައްކަތްތައް ނުނިމެވެ. 2013 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ނިންމާގޮތަށް އަލިފުޅު ތުއްތު ފައުންޑޭޝަނުން ހަވާލުކުރި މިޕްރޮޖެކް ނުނިމުގެ ސަބަބުން މިފަދަ އެހީތައް ދެވަނަ ފަހަރަށް ދެއްވާއިރު އެފަރާތްތަކުން ވިސްނާނެކަން ޔަގީނެވެ.

އަޅުގަނޑުމެންގެ އުންމީދަކީ އަލަށް އިންތިހާބުވި ކައުންސިލަކީ ރައްޔިތުންނާއި ގާއްގުޅުމެއްބާއްވާ ކަންކަމުގައި ރައްޔިތުންގެ ހިޔާލާ މަޝްވަރާހޯއްދަވާނެ ކައުންސިލެއްކަމުގައި ވުމެވެ. އަދި ރަށުގައި މިހާރުން މިހާރަށް ރަގަނޅު ކުރަންޖެހިފައިވާ ކަންތައްތަކަކީ ކޮބާތޯ ބައްލަބާ އެކަންކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅާނެކަމުގައެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ