ޤާބިލު ޒިންމާދާރު ކައުންސިލެއްގެ އިންތިޒާރުގައި ކިހާދޫ ރައްޔަތުން

1

ތަރައްޤީއާއި ތަޙްޒީބުގެގޮތުން ކައިރީގައި ވަށައިގެންވާ ރަށްތަށް އަޅުގަނޑުމެން ފަހަތަށް ޖައްސާލުމަށްފަހު ކުރިއަރައިފިއެވެ. މިކަމުގެ އެންމެބޮޑު އަސްލަކީ މިފަދަ ރަށްރަށުގެ ކައުންސިލްތަކުގެ ޤާބިލުކަމާއި ވަޒީފާގެ ޒިންމާ އަދާކުރުމެވެ. އަދިވެސް އަޅުގަނޑުމެން މިގޮތުގައި ތަރައްޤީ ހޯދުމަށް މަސައްކަތް ނުކޮށް ސަރުކާރަށް ބަދުބަސް ބުނެބުނެ ތިބެންވީ ހެއްޔެވެ؟ ނުވަތަ ރައްޔަތުންގެ އުއްމީދުތަކާ އެއްގޮތަށް ކަންކަން ކުރުމަށްޓަކައި އެހެން ބަޔަކަށް ފުރުޞަތު ދޭންވީ ހެއްޔެވެ.؟

ބައެއް ފަހަރު ” ކޮންމެ ބަޔަކު ތިއްބަސް ހަމަވާނީ ވާވަރޭ” ބުނާ އަޑު އިވެނީ މަދެއްކޮށެއްނޫނެވެ. މިއީ ހަޤީގަތެއްނޫންކަން މި އަތޮޅުންވެސް ފެންނަން އެބަހުއްޓެވެ. މިސާލަކަށް މާޅޮހު ކައުންސިލުން އެރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްލަމެވެ. އަދި ޚާއްޞަކޮށް ކައުންސިލްގެ މެމްބަރުންގެ މެދުގައި އޮންނަ ގުޅުމަކީ އަޅުގަނޑުމެންނަށް  ނުފެންނަ ކަމެކެވެ. ކައުންސިލްގެ މެމްބަރުންގެ އެންމެބޮޑު ޝަކުވާއަކީ ކައުންސިލްގެ ކޯރޑިނޭޝަން ނެތުމެވެ. ނުވަތަ ކައުންސިލުން ކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ކައުންސިލްގެ ހުރިހާ މެމްބަރުންނަށް ނުލިބުމެވެ. މިސާލަކަށް ތިންވަނަފަރާތަކާއެކު ބައްދަލުވުމެއް ރޭވިފައިވާކަން ކައުންސިލްގެ ހުރިހާ މެމްބަރުންނަށް ނޭގުމަކީ އާންމު ކަމެކެވެ. އަދި ރައްޔަތުންގެ އެންމެބޮޑު ޝަކުވާއަކީ ކައުންސިލުން ކުރާކަންކަމުގެ މަޢުލޫމާތު ރައްޔަތުންނަށް ނުލިބުމާއި ރައްޔަތުންނާއި ބައްދަލު ކުރާ މިންވަރު މަދުވުމެވެ.

ކުނީގެ ކަންކަން ހައްލުކުރުމަށް ދައުރުގެ ކުރީކޮޅު މަސައްކަތްކުރި ކަމުގައިވަޔަސް މިހާރު މިކަން މިވަނީ ވަރަށް ބޮޑަށް ބޮއްސުންލާފައެވެ. ހަމަ އެހެންމެ މިހާރު ބޭނުން ކުރަމުން އަންނަ މިސްކިތްވެސްވަނީ މަރާމާތުކުރަން ޖެހިފައެވެ. ބަދަރުގެ ބޭރު ތޮށިގަނޑު މަރާމާތު ކުރުމަށްޓަކައި ގެނެވިފައިވާ ސިމެންތިތަށްވެސް ގުދަނުގައި ހުރެ ގަނޑުވަނީއެވެ. މިކަންކަން ހައްލުކުރުމަށް އެންމެބޮޑު ދައުރެއް އަދާކުރެވޭނީ ހަމަ ކައުންސިލަށެވެ.

އަޅުގަނޑުވެސް ޤަބޫލުކުރާ ޙަޤީޤަތަކީ ތަރައްޤީގެ ބޮޑެތި ކަންކަން ކުރެވޭނީ ސަރުކާރުން ކޮށްދިނިއްޔާއެވެ. ނަމަވެސް ސަރުކާރާއި ގުޅިގެން މިދެންނެވިފަދަ ކަންކަން ކުރުމަށް މަސައްކަތް ކުރުމަކީ ކައުންސިލްގެ ޒިންމާއެކެވެ.  ވޭތުވެ ދެ ދައުރުގައިވެސް ކިހާދޫ ރައްޔަތުންގެ އުންމީދުތަށް މިވަނީ ޙާޞިލްނުކުރެވިއެވެ. ވީމާ، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވޯޓް ދެއްވާއިރު މިކަމަށް ވިސްނާލުން މުހިއްމެވެ. ހަމައެކަނި އާއިލާގެ މެމްބަރަކަށް ވަޒީފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ނުވަތަ ވަކި ޕާރޓީ އަކަށް ނިސްބަތްވާ މީހަކަށް ވޯޓުދިނުމުގެ ބަދަލުގައި ގާބިލު ކަންކަން ކުރުމަށް މަސައްކަތް ކުރާ ބަޔަކު ހޮވުމަށްޓަކައި އާ ބަޔަކަށް ފުރުޞަތު ދިނުން ކިހިނެއްވާނެބާވައެވެ.

ޝެއާކުރައްވާ

1 Comment

  1. ވަރަށް ރަގަޅު ލިޔުމެއް. ރަށަށް ތަރައްގީ ގެނެވޭނީ ކަން ކަން ކުރަން ކެރޭ ކައުންސިލަރުން ތިބެގެން. ހަމަ އެކަނި ފޭސްބުކްގަ ލިޔާ ކައުންސިލަރުން ތިބެގެން ތަރައްގީއެއް ނުގެނެވޭނެ. ކިހާދޫ ކައުންސިލްގެ ރައީސްގެ ކަމަކީ ފޭސްބުކުގަ ސަރުކާރުގެ އިސްވެރިންނަށާއި އެމީހުން އާއިލާއަށް އެއްޗެހި ކިޔުން. އޭގެ ބަދަލުގައި ބުނަންބޭނުންވާ އެތި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކޮށް ބުނުމުން ކަންނޭގެ އޭގެ ފައިދާއެއް ރައްޔިތުންނަށް ކުރާނީ.. ނައިބުރައީސް ހޯދަން ބޭނުންނަމަވެސް އެޕޮއިންޓްމެންޓެއް ހޯދައިގެން ދިޔައީމަ ދޯ ފެންނާނީ. ފޭސްބުކް ސްޓޭޓަސްގަ ލިޔުނަކަސް ނައިބުރައީސަކަށް ނޭގޭނެ. އެހެން މީހުންގެ ޒިންމާގެ ވާހަކަ އެހަށްބާއްވާފަ އަމިއްލަ ޒިންމާ އަދާކުރެވެނީ ކިހާ ވަރަކަށްތޯ ވިސްނާލަން ޖެހޭ. ކައުންސިލަރުންނަށް މުސާރަ ދެނީވެސް ހަމަ ރައްޔިތުންގެ ފައިސާއިން. އެހެން ކަމުން މީހުންގެ ވާހަކަ ނުދައްކާ އަމިއްލަ ޒިންމާ އަދާކުރަން ގޮވާލަން. އަދި މިފަދަ ގިން ލިޔުންތައް ގެނައުމަށް ކޭއެލް ގެ ޓީމަށް އެދެން. ކައުންސިލުގެ މިދިޔަ އަހަރުގެ ހާޒިރީއާއި ކައުންސލިނުން ކުރަން ރޭވި ކަންކަމާއި އަދި ކުރެވުނު ކަންކަމުގެ ޚުލާސާ ރިޕޯޓެއް ގެނެސްދިނުން އެދެން.

ޚިޔާލު ފާޅުކުރަށްވާ