ސަރަޙައްދީ ކުނިނައްތާލުމުގެ ނިޒާމަށް ބޭނުންވާ ބައެއްތަކެތި ކިހާދޫއަށް ގެނެސްފި

0

ވޯލްޑްބޭންކްގެ ލޯނުއެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް އެންވަޔަރމެންޓަލް މެނޭޖްމެންޓް ޕްރޮޖެކްޓް (މެމްޕް) ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އުތުރު ޕްރޮވިންސްގެ ކުނި މެނޭޖް ކުރުމުގެ ސަރަޙައްދީ މަޝްރޫޢަށް ބޭނުންވާ ބައެއްތަކެތި ކިހާދޫއަށް ގެނެސްފިއެވެ.
މެމްޕްގެދަށުން މިދިޔަ ހަފްތާތެރޭގައި ކިހާދޫއަށް ގެނެސްފައިވަނީ އެކިޒައިޒުގެ ޑަސްބިނާއި ކުނިފިއްތާ މެޝިނެކެވެ. އެގޮތުން 120 ލީޓަރުގެ 10 ޑަސްބިނާއި، 240 ލީޓަރުގެ 8 ޑަސްބިނާއި 660 ލީޓަރުގެ 4 ޑަސްބިން ވަނީ ކިހާދޫކައުންސިލާ ހަވާލުކޮށްފައެވެ. ކިހާދޫކައުންސިލާއި މިތަކެތި ހަވާލުކުރި ނަމަވެސް މިތަކެތި ބޭނުންކުރާނެ ގޮތަކާއި އުސޫލެއް މެމްޕުން ރަށުކައުންސިލާ އަދި ހިއްސާކޮށްފައި ނުވާކަމަށާއި ފަހުގެ ތާރީޚެއްގައި އެ މައުލޫމާތު ހިއްސާކުރެވޭނެކަމަށް މެމްޕުން ބުނެފައިވާ ކަމަށް ރަށުކައުންސިލުން މައުލޫމާތުދެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، ސަރަހައްދީ ކުނިނައްތާލުމުގެ ނިޒާމުގެ ދަށުން އުތުރު ޕްރޮވިންސްގެ ރަށްތަކާއި ރިސޯޓުތަކުގައި އުފެދޭ ފަނާނުވާ ޒާތުގެ ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށް ހަމަޖެހިފައިވަނީ ރ. އަތޮޅު ވަންދޫގައި ގާއިމްކުރާ ކުނިނައްތާލާ މަރުކަޒުގައެވެ. އެގޮތުން ކޮންމެ މަހަކު 2 ފަހަރު ޕްރޮވިންސްގެ ރަށްތަކުން ވަންދޫއަށް ކުނި އުފުލުމަށް ރާވާފައިވެއެވެ.
2014 ވަނަ އަހަރުގެ ޖޫންމަހު ނިންމުމަށް ރާވައިގެން 2008 ވަނައަހަރު ފެށި މި މަޝްރޫޢުވަނީ އެކި ސަބަބުތަކާހެދި ލަސްވެފައެވެ. އެގޮތުން އެންމެފަހުން މިހާރުވަނީ 2015 ވަނަ އަހަރުގެ ޖޫންމަހަށް ލަސްވެފައެވެ. އަދި މި މަޝްރޫއާ ބެހޭ ފުރިހަމަ މައުލޫމާތު ޕްރޮވިންސްގެ ރައްޔިތުންނާއި ކައުންސިލްތަކާއި އެންމެ ފުރިހަމައަށް ހިއްސާކުރެވިފައި ނުވާކަންވެސް ފާހަގަކުރެވެއެވެ. އެހެނީ މި މަޝްރޫއުހިންގުމަށް ހަމަޖެހިފައިވާ ގޮތާއި ކުރުމަށް ރާވާފައިވާ ގިނަކަންކަން އަދިވެސް ޕްރޮވިންސްގެ ގިނަ ރައްޔިތުންނަކަށް އޮޅުންފިލާފައެއް ނުވެއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ