ކެންދޫގައި އަމާން މުޖުތަމައެއް ޤާއިމްކޮށް ފުލުހުން ޚިދުމަތް ތަޢާރަފްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

0

ކެންދޫގައި ކުށްމަދު އަމާން ވެށްޓެއް ޤާއިމްކޮށް ކެންދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި ކެންދޫ ކައުންސިލް މެމްބަރުން މަޝްވަރާކުރައްވައިފިއެވެ.
އިއްޔެ، ޝަޙީދު ޙުސައިން އާދަމް ބިލްޑިންގގައި އޮތް ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ކެންދޫގައި ކުށްކުރުމުން މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ކެންދޫގައި ފުލުހުން ޚިދުމަތް ޤާއިމްކޮށް ފުލުހުންގެ މަރުކަޒެއް ހުޅުވުމާ ގުޅޭގޮތުންނެވެ.
މި ބައްދަލުވުމުގައި ކެންދޫގައި ކައުންސިލް މެމްބަރުން ވަނީ ކެންދޫގައި ހިނގަމުންދާ ކުށްތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައި ކުށްތައް ހުއްޓުވުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކޮށްދެއްވުމަށް އެދިލައްވާފައެވެ. އަދި ކެންދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެއްވުމާއި ގުޅޭގޮތުން ކުރެވެން ހުރި ކަންކަމާމެދު މަޝްވަރާކުރައްވައި އެކަމުގައި ކައުންސިލްގެ ފަރާތުން ވެދެވެންހުރި އެހީތެރިކަން ކޮމިޝަނަރ އޮފް ޕޮލިސްއާއި ކައުންސިލުން ވަނީ ޙިއްސާ ކުރައްވާފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދޭ ޚިދުމަތެއްގެ ގޮތުގައި ހެއްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ. އަދި ކެންދޫއަކީ ކުށްމަދު އަމާން ވެށްޓެއް ޤާއިމްވެފައިވާ ރަށަކަށް ހެދުމަށްޓަކައި ރަށާ އެންމެ ކައިރީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ބޭނުންކޮށްގެން މިހާރަށްވުރެ ބޮޑަށް ކުށްކުރުން ހުއްޓުވައި ރައްޔިތުން ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ހިންގަވައި ދެއްވާނެކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ރައްޔިތުން މަޖިލިސްގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ޙުސައިން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤް އާއި ފުލުހުންގެ ބައެެއް ސީނިއަރ އޮފިސަރުންނާއި ކެންދޫ ކައުންސިލްގެ މެމްބަރުން ބައިވެރިއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ