ކިހާދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކޮށްފި

0

ކިހާދޫކައުންސިލްގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ކިހާދޫ ސްކޫލުގައި ބޭއްވި މި ބައްދަލުކުރުމުގައި ކައުންސިލްގެ ފަރާތުން ކުރަންރާވާފައިވާ ބައެއްކަންތައްތަކާއި ގުޅޭގޮތުން ރައްޔިތުންްނަށް މައުލޫމާތު ދީ އަދި އެކަންކަމަށް ރައްޔތިތުންގެ ތާއީދުއޮތްތޯ ބެލިއެވެ.

އެގޮތުން ރަށް ކައިރީގައި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ އަމިއްލަ ފުށި ރިސޯޓަށް ދަނޑުވެރިކަން ކުރުމަށްޓަކައި ކިހާދޫއިން 4000 އަކަފޫޓުގެ ބިމެއް ދޫކުރުމާއި ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދިއެވެ. އަދި ރައްޔިތުންގެ ގިނަބައެއްގެ ތާއީދާއެކު ކުރީގެ ބޯޅަދަނޑު ސަރަހައްދުން ބިމެއް ދޫކުރުމަށް ނިންމިއެވެ. ބިމު ކުލީގެ ބަދަލުގައި ރަށުގެ ތަރައްގީއަށް ކަމެއް ކޮށްދިނުމަށް ހުށައެޅުމަށްވެސް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ރަށުގައި ގެސްޓްހައުސް ވިޔަފާރި ހިންގުމަށް ބިންދޫކުރާނެ ވަކި ސަރަހައްދެއް ކަނޑައެޅުމަށް ޚިޔާލު ހޯދާލުމުން، ޖަލްސާއަށް ހާޒިރުވެ ތިބި 80 މީހުންގެ ތެރެއިން 36 މީހުން ވޯޓް ދިނީ  ގެސްޓްހައުސް ވިޔަފާރި ހިންގަން ނުފެންނަކަމަށެވެ. އަދި އެކަމަށް ތާއީދު ކުރީ 34 ހަތަރުމީހުންނެވެ. އެހެންކަމުން އެކަމަށް އަދި ގޮތެއް ނުނިންމާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ރަށުގައި ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ބިންތަކާއި ގުޅޭގޮތުންވެސް އެރޭގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. އެގޮތުން މިހާރު ދޫކޮށްފައިވާ ދަނޑުބިންތައް ކައުންސިލަށް ނަގައި  އަލުން ދަނޑުބިން ބޭނުންވާ ފަރާތްތަކަށް ވަކި މުއްދަތަކަށް ދޫކުރުމަށް ނިންމިއެވެ.

އަދި މީގެ އިތުރުން ރަށު ކައުންސިލްގެ ގޯތިތެރޭގައި ހުރި ދިރާގު އެންޓަނާ 3 މަސް ދުވަހުގެތެރޭގައި  ނެގުމަށް ދިރާގަށް އެންގުމަށްވެސް ފާސްކުރެވުނެވެ. މީގެ ސަބަބެއް ކަމުގައި ވަނީ ދިރާގުން ކުލީގެ ގޮތުގައި އަހަރަކަށް ދައްކާ 120 ރުފިޔާ ވަންނަ ތަނެއް ނޭނގޭތީއެވެ. އަދި ރަށުގައި އޫރީދޫގެ އެންޓަނާއަށް މަހަކު 2000 ރުފިޔާގެ ކުއްޔެއް ދޭއިރު ދިރާގުން މިހާ ކުޑަކުޑަ އަގެއް ދެނީ ކީއްވެތޯ ވަނީ ސުވާލު އުފެދިފައެވެ.

އަދި ރަށުގައި ޑޮކްޓަރެއް ހުންނާނެ ތަނެއް ކައުންސިލުގެ ފަރާތުން އިމާރާތް ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި އެކި ކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރި ސުވާލުތަކަށް ޖަވާބުދިނުންވެސް އޮތެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ