ބ. އަތޮޅު ކައުންސިލަރުން ހަފްތާއަކު 2 ދުވަހު އޮފީހަށް ނުކުންނަވާގޮތަށް ފާސްކޮށްފި

0

ބ. އަތޮޅު ކައުންސިލުގެ މެންބަރުން އަތޮޅުގެ ރަށެއްގައި ނުވަތަ މާލޭގައި މަޑުކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި އެ އިރެއްގައި ކައުންސިލް އިދާރާ ހިންގުމާއި ހަވާލުވެހުންވެނި ބޭފުޅަކަށް ދަންނަވާލުމަށްފަހު މަޑުކުރެވިދާނެގޮތަށް ބ. އަތޮޅު ކައުންސިލުން ފާސްކޮށްފި އެވެ.

ނަމަވެސް މިގޮތަށް މަޑު ކުރެވޭނީ އެ މެންބަރުން ވަޑައިގަންނަވާ ދަތުރެއްގައި ގިނަވެގެން ތިން ދުވަހަށް ކަމަށާއި، ތިން ދުވަހަށްވުރެ އިތުރުވާނަމަ އެ އިތުރުވި ދުވަސްތަކަށް މެންބަރު އޮފީހަށް ހާޒިރުވާ ދުވަހު ލިޔުމަކުން ތަފްސީލް ހުށަހެޅުމުން ކަމަށްވެސް ކައުންސިލުގެ އިއްޔެގެ ބައްދަލުވުމުގައި ނިންމާފައިވެ އެވެ.

މިގޮތަށް ނިންމުމުން ކައުންސިލަރުންނަށް ހަފްތާއަކު ރަސްމީ ދެދުވަހު އޮފީހަށް ނުކުތުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ.

އާއްމުންނަށްވެސް ވަދެވޭގޮތަށް އިއްޔެ ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގައި މިގޮތަށް ފާސްވީ ވޯޓްގައި ބައިވެރިވި ތިން މެންބަރުންގެ އިއްތިފާގުންނެވެ.

ކެންދޫ ދާއިރާގެ ކައުންސިލް މެންބަރު އަލީ ނާއިޒު ހުށަހެޅުއްވި މި މައްސަލައަށް ތާއީދު ކުރެއްވީ އެ ދާއިރާގެ އަނެއް މެންބަރު ހަސަން ސިރާޖު އާއި ތުޅާދޫ ދާއިރާގެ ކައުންސިލު މެންބަރު އިބްރާހިމް ޝަރީފު އެވެ. އަދި ރިޔާސަތުން ބަހުސަށް ފުރުސަތު ހުޅުވާލުމުން މިކަމާ ދެކޮޅަށް ވާހަކަދެއްކެވީ ކައުންސިލުގެ އޭދަފުށީ ދާއިރާގެ މެންބަރުން ކަމަށްވާ ނައިބް ރައީސް މަބްރޫކް ނަސީރާއި އިބްރާހިމް ރަޝީދު އެވެ.

ނައިބް ރައީސް މަބްރޫކް މި ހުށަހެޅުމާ ދެކޮޅަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކަވަން ފެއްޓެވެމުން އިއްޔެ ބައްދަލުވުމުގެ ބަހުސްވަނީ ހޫނުވެގެން ގޮސްފަ އެވެ.

މަބްރޫކް ވިދާޅުވީ ކައުންސިލަރުން މަގާމަށް ކުރިމަތިލެއްވިއިރު، ވަޒީފާ އަދާކުރައްވަންޖެހޭ އޮފީހާއި ތަން އަދި މުސާރައާއި އެލަވަންސްތައް ކޮންމެ މެންބަރަކަށްވެސް އެނގެން ޖެހޭނެ ކަމަށާއި އަދި ވޯޓް ދިން ފަރާތްތަކުން އޮފީހަށް ނުގޮސް އެބޭފުޅުންނާ ބައްދަލުކޮށް ހާލު ބަލަން ރަށްރަށަށް ދަތުރުކުރަން ޖެހޭނެ ކަމަށެވެ. އަދި ކައުންސިލަރުންނަށްވެސް ޗުއްޓީ ނަންގަވައިގެން ރައްޔިތުންނާ ބައްދަލުކުރުމަށް ދެވޭނެ ކަމަށާއި ނަމަވެސް އޮފީހަށް ވަޑައިނުގަންނަވާ ރައްޔިތުންނާ ބައްދަލުކުރާށޭ ވިދާޅުވުމުން އެކަން ގަބޫލު ނުކުރެއްވޭނެ ކަމަށެވެ.

އެހެން ނަމަވެސް ރަށުކައުންސިލަރުން ނުވަތަ މުއައްސަސާއަކުން އަތޮޅު ކައުންސިލަރަކު ބޭނުން ވެއްޖެ ހާލަތެއްގައި މިހާރުވެސް ދޫކުރަމުންދާ ކަމަށާއި އެކަމަށް ހުރަހެއްނެތްކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކުގެ ވާހަކައިގައި މިއަދާ ހަމައަށް އައިއިރުވެސް އަތޮޅުގެ ރަށުކައުންސިލްތަކަށް ތައާރަފު ނުވެވޭ ކައުންސިލަރުން ތިއްބެވިކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ބ. އަތޮޅު ކައުންސިލުގައި ކައުންސިލަރުންގެ ހާޒިރީއެއް އޮންނަ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެންމެ ޒަމާނީ ފިންގާ ޕްރިންޓް މެޝިން ބޭނުންކޮށްގެން އިދާރީ މުވައްޒަފުން ހާޒިރީ ބަލަހައްޓާ ކަމަށާއި އެހެން ނަމަވެސް ކައުންސިލަރުންގެ ހާޒިރީ ފޮތެއް ކައުންސިލުގެ ރައީސްގެ ކޮޓަރި ކޮޅުގައި އޮތް ނަމަވެސް ކައުންސިލަރުން ސޮއި ކުރައްވަނީ އޮފީހަށް ވަޑައިގަންނަވާ ގަޑިއަށް ނޫން ކަމަށާއި ސަލާމްވެސް ނުބުނެ އެ ބޭފުޅަކު އަމިއްލަ އަށް އާދެވުނު ދުވަހަކުން ސަލާމްގެ ގޮތުގައި ހަމަޖައްސާ ކަމަށާއި އަދި އެތައް ދުވަހެއް ފަހުން ސޮއިވެސް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސަތުން ވޯޓަށް އެއްސެވުމާއެކު މަބްރޫކާއި އިބްރާހިމް ރަޝީދު ވަނީ ނިޒާމީ މައްސަލަަތައް ނަންގަވާ މި ހުށަހެޅުމަށް ބަދަލުގެންނެވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. އަދި މި ހުށަހެޅުން ފާސްކުރުމުން މަބްރޫކުވަނީ އެއީ ސައްހަ ނިންމުމެއް ނޫންކަމަށާއި އެއީ ބާތިލު ނިންމުމެއް ކަމަށް ވިދާޅުވެފަ އެވެ.

އިއްޔެގެ ބައްދަލުވުމުގައިވަނީ އަތޮޅު ކައުންސިލުގެ ރިސޯސްތައް ބޭނުންކުރާނެ ގޮތެއް ކަނޑައެޅުމަށް މަޝްވަރާ ކޮށްފަ އެވެ.

އިއްޔެގެ ބައްދަލުވުން އަޑުއެހުމަށް އޭދަފުށީ ކައުންސިލުގެ ބައެއް މެންބަރުންވެސް ބައިވެރިވެޑައިގެންނެވި އެވެ.

ޚަބަރު: އީޓީ

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ