އޭދަފުށި ލަދުގަންނަވާލުމަށްފަހު ބ. އެޓޯލް ފުޓްބޯލް ޗެލެންޖްގެ ތަށި ގޮއިދުއަށް

0

ބ. އެޓޯލް ފުޓްބޯލް ޗެލެންޖް 2014 ގެ ފައިނަލުގައި އޭދަފުށްޓާއި ގޮއިދޫ ކުޅުނު މެޗް ހީވެސް ނުކުރާފަދަ ބޮޑު ތަފާތަކުން ގޮއިދޫ ޓީމް ކާމިޔާބު ކޮށް، މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ބ. އަތޮޅުގެ ފުޓްބޯޅައިގެ އެންމެ މޮޅު ޓީމް ކަމުގައި ދައުވާ ކުރަމުން އައި އޭދަފުށީ ޓީމް މިއަދު ގޮއިދޫ އަތުން ބަލިވެފައިވަނީ 1 – 4 އިންނެވެ. ގައުމީ ޓީމުގެ ސެންޓޭ އާއި ހަންޕުގެ އިތުރުން ރިލޭ އާއި ކޮކީ ކުޅެމުން ދިޔަ އޭދަފުށީ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން މެޗްގެ ފުރަތަމަ ހާފުގައި ގޮއިދޫން ވަނީ 3 ލަނޑު ކާމިޔާބުކޮށް އޭދަފުށީގެ ސަޕޯޓަރުންގެ އުއްމީދު ގެއްލުވާލާފައެވެ.

މުޅި މެޗުގައިވެސް ގޮއިދޫ ޓީމުން ދިޔައީ އޭދަފުށީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އަދި ގޮއިދޫ މެޗްގެ ކޮންޓްރޯލް ނަގައި އޭދަފުށީގެ ގޭމް ޕްލޭން ގެއްލުވާލިއެވެ. މެޗްގެ ފަހު ހާފުގައި އޭދަފުށީގެ ބެންޗުން ރެފްރީންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި ނުރުހުމުގެ ބަސްތައް ބޭނުން ކުރިކަމުގައިވިޔަސް މި ކަމާ ރެފްރީ އަޅާލާ ތަނެއް ނުފެނުނެވެ.

Eydhafushi Team Officials

އޭދަފުށީ ޓީމްގެ އޮފިޝަލުން ހިތްހަމަނުޖެހުން ފާޅުކުރަނީ

މިއީ ގޮއިދޫ މި މުބަރާތުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. ދެފަހަރުވެސް ޗެމްޕިއަންކަން ހޯދާފައިވަނީ އޭދަފުށި ބަލި ކުރުމަށް ފަހުގައެވެ.

މިފަހަރުގެ މުބާރާތް ނިމިގެންދިޔައިރު މުބާރާތް އިންތިޒާމްކުރުމުގެ ފެންވަރާއި މެދު އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އެއްބަޔަކު ރެފްރީންގެ ފެންވަރާއިމެދު ސުވާލު އުފައްދާއިރު އަނެއް ބަޔަކު ވަނީ މުބާރާތުގެ ކަންކަން ހުރިގޮތާއިމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެއެވެ. މުބާރާތް ފެށިގެން ދިޔައިރުވެސް ބެންޗުތައް ހިޔާކޮށްލާފައި ނެތުމާއި، ކުޅުންތެރިން ދަނޑަށް ކުޅެން އަރާއިރުވެސް ދަނޑުކުރަހާ ނުނިމުމާއި، ކުޅުންތެރިން ފާޚާނާކޮށްލާނެ ރަނގަޅު ނިޒާމެއް ނެތްކަން ގިނަބަޔަކު ދިޔައީ ފާހަގަ ކުރަމުންނެވެ. އަތޮޅު ފެންވަރުގައި ބާއްވާ މިފަދަ މުބާރާތެއްގެ ފެންވަރު ދައްވަމުން ދިއުމަކީ އަތޮޅުގެ ފުޓްބޯޅައަށް ލޯބިކުރާ އެތައްބައެއްގެ ޝަކުވާއެކެވެ. ދެން ބާއްވާ މުބާރާތް މިއަށްވުރެ ރަނގަޅު ވާނެކަމަށް އުންމީދުކުރަމެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ