ކިހާދޫ ބަނދަރުމަތި ގޮނޑުވުމުގެ މައްސަލަ ހައްލުވާނީ ކޮންދުވަހަކުން ބާ ؟

0

02 ޑިސެމްބަރ 2013 ވީ ހޯމަ ދުވަހު ގެޒެޓްކުރެވުނު ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދުގެ ތިންވަނަ މާއްދާގެ (ހ) ގައި ވާގޮތުން މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ބަނދަރު ބެލެހެއްޓުމަކީ ކިހާދޫޫ ކައުންސިލްގެ ޒިންމާއެކެވެ. ނަމަވެސް ގަވާއިދު ގެޒެޓްކުރެވުނުތާ ތިންއަހަރު ފާއިތުވީއިރުވެސް މިގަވާއިދު ތަންފީޒް ކުރެވެމުންދާތަނެއް ނުފެނެއެވެ. ނަތީޖާއެއްގެ ގޮތުން ބަނދަރު ސަރަހައްދުދަނީ ދުވަހަކަށްވުރެ ދުވަހެއް ގޮނޑުވަމުންނެވެ.

ކިހާދޫއަކީ ނިސްބަތުން، އަތޮޅުގެ ރައްޔިތުން ގިނައިން ޒިޔާރަތްކުރާ ރަށެކެވެ. ރަށަށްއަރާ ފަރާތްތަކަށް ރަށުގެ މަލަމަތިން، މިފަދަ ނާތަހުޒީބީ މަންޒަރުތަކެއް އެއްގޮތަކަށްވެސް ދެކެން ބޭނުންވާނޭ ކަމަކަށް ޤަބޫލެއްނުކުރެވެއެވެ.

ކިހާދޫ ކައުންސިލުން ބަނދަރު ބެލެހެއްޓުމާއިބެހޭ ގަވާއިދެއް ހަދާ ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް، ފާސްކުރުމަށް ފޮނުވި ގަވާއިދު ގެޒެޓްކުރުމުން ބަނދަރު ގޮނޑުވަމުންދާ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އުއްމީދު ކުރީމެވެ. ނަމަވެސް މިއަދާހަމައަށް 3 އަހަރާ 8 މަސްދުވަސްވެގެން ދިޔައިރުވެސް އެގަވާއިދު ތަންފީޒްކުރުމުގެ އަމަލީ މަސައްކަތެއް ފެންނާކަށްނެތެވެ. އެގަވާއިދު ތަންފީޒް ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ކިހާދޫ ކައުންސިލް އިދާރާއަށާއި ފުލުހުންނަށެވެ.

ބަނދަރު ބެލެހެއްޓުމާއިބެހޭ ގަވާއިދުގެ ހަވަނަ މާއްދާގެ ހާގައި ވާގޮތުން އާންމުކޮށް ބަނދަރާއި ބަނދަރުސަރަހައްދު ސާފުކޮށް ބެލެހެއްޓުމަކީ ކިހާދޫ ކައުންސިލްގެ ޒިންމާއެކެވެ. އެމާއްދާގެ ށަވިޔަނީގައި ވާގޮތުން، މުދާ އެރުވުމުގެ ތެރޭގައި ނުވަތަ އެނޫންވެސް ސަބަބަކުން ބަނދަރުސަރަހައްދައް އެޅޭ ކުނިފަދަތަކެތި، އެމަސައްކަތުން ނިމުމުން ގިނަވެގެން ފަސްގަޑީއިރު ތެރޭ އެމަސައްކަތް ކުރުވި ނުވަތަ ކުރިފަރާތުން ސާފުކުރަން ޖެހޭނެއެވެ. އަދި ހަމަ އެމާއްދާގެ ށަވިޔަނީގައި ވާގޮތުން ސިމެންތި، ދޮންވެލި، ހިލަ، ހިލަވެލި، ކާޑުފަދަ ބަސްތާ ބަނދަރުގެ އެއްގަމު ތޮށީގައި ޖައްސަންވާނީ ތަރުފާލު ނުވަތަ ސަތަރި އަޅައިގެން ކަމަށާއި، މަސައްކަތް ނިމުމުން ހަތަރުގަޑީއިރުތެރޭ ސާފުކުރަންޖެހެއެވެ. މިގަވާއިދާއި ހިލާފުވާ ފަރާތްތައް 500 ރ ޔާއާއި 5000 ރ ޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކައުންސިލަށް ދީފައިވެއެވެ.

މިފަދަ ބޭނުންތެރި މުހިއްމު ގަވާއިދެއް ހެދިފައިވާއިރު ވެސް ހިތާމައަކީ ތަންފީޒީ އިދާރާތަކުން ތަންފީޒުކުރުމުގައި ފަސްޖެހިފައި ވާކަމެވެ. އުންމީދުކުރަނީ އާކައުންސިލާއިއެކު ބަނދަރުގެ ގޮނޑުކަން ފިލައިގެން ގޮސް ރަށުގެ މޫނުމަތި ސާފްވެ އަލިވެގެންދާނެކަމަށެވެ. ކައުންސިލަށާއި ފުލުހުންނަށް އެކަނި ބަނދަރުތައް ގޮނޑުވުމެއް ނުހުއްޓުވޭނެއެވެ. ބަނދަރު ބޭނުންކުރާ ރައްޔިތުމީހާވެސް ފަރުދީ ޒިންމާ ނަގަންއެބަޖެއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ