ލޮބުވެތި މުދައްރިސުން … ވިސްނަންޖެހޭ ކަމެއް!

0

ޤައުމު އުޖާލާވެ ކުރިއަރައިގެންދާނީ އެޤައުމެއްގައި ތަޢުލީމީ ޒުވާނުން އުފެދިގެންނެވެ. ހަރުދަނާ އީމާނަކާއި ނުގުޑާފަދަ އަޒުމެއް އުފެދިފައިވާ ޒުވާނުން އެޤައުމެއްގައި އުފެދިގެންނެވެ.

މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގެ މޭސްތިރިންނެވެ. ޤައުމަށްބޭނުންވާ ޒުވާނުން ތައްޔާރުކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާބަޔަކީ މުދައްރިސުންނެވެ. މިކަން މުޖުތަމަޢުގެ ހުރިހާ ފަރުދުން ހެޔޮހިތުން ޤަބޫލުކޮށް ބަލައިގަންނަންޖެހެއެވެ. އެބައިމީހުންނަށް އިޙްތިރާމާއި ލޯބިދޭންޖެހެއެވެ. އެބައިމީހުންގެ ބޭނުންތެރިކަން އެންމެހާ ފަރުދުންނަށް ވިސްނައިދޭންޖެހެއެވެ.

ކުދިންދެކޭގޮތުގައިވެސް މުދައްރިސުންނަކީ ވަރަށްމޮޅު ބައެކެވެ. އެކުދީންނަށް އަޅާލައި ހެޔޮނުބައި އޮޅުންފިލުވައިދޭ މީހުންނަކީ މުދައްރިސުންނެވެ. ކުދިންދެކޭ ގޮތުގައި މުދައްރިސުންނަކީ ވަރަށް ޤަދަރުވެރި މާތްބައެކެވެ. ޙަޤީގަތަކީ މިއީކަމުގައިވިޔަސް ބައެއް މުދައްރިސުންގެ އުޅުމާއި އަޚްލާޤް ހުންނަގޮތުން އެހެންގޮތަކަށް މުދައްރިސުންނާމެދު ދެކޭންޖެހެއެވެ. އެއީ ބައެއްމީހުންނެވެ. މަދުފަހަރަކު ނޭދެވޭ ޢަމަލުތަކުގައި ބައިވެރިވަނީއެވެ. އެހެނަސް ހުތުރުނަން ލިބިގެންދަނީ އެންމެނަށެވެ. ބަދުނާމްވަނީ ހުރިހާ މުދައްރިސުންނެވެ. އިތުބާރުގެއްލެނީ މުދައްރިސުންގެއެވެ.

މުދައްރިސާއި ދަރިވަރާ ދެމެދު އޮންނަންވާނީ ވަރަށްމާތް މަތިވެރި މުޤައްދަސް ގުޅުމެކެވެ. މިގުޅުން ކަނޑާލާފަދަ ބާރުތަކާއި ޖިހާދުކުރަންވާނެއެވެ. އެއީ ދަރިންނެވެ. ކޮންމެވެސް އާއިލާއަކަށް ނިސްބަތްވާ އެމީހުންގެ ދެލޮލުގެ ނޫރެވެ. ދިރިއުޅުމުގެ އުއްމީދެވެ. މުދައްރިސުން ހެޔޮހިތުން މިކަން ޤަބޫލުކުރަންވާނެއެވެ.

މުދައްރިސުން ކުދިންނަށް އަޅާލާ ކަމޭހިތާނީ ފަހުން އެމީހުންގެ ފަރާތުން ހެވެއްލިބޭނެކަމަށް އުއްމީދުކޮށްގެންނެއް ނޫނެވެ. ޤައުމީ ވާޖިބެއް އަދާކުރުމުގެ ބޭނުމުގައި ، ޤައުމަށް އެކަމުގެ ސަބަބުން މަންފާކުރާނެކަމުގެ އުއްމީދުގައެވެ. މުޖުތަމަޢުގައި ތަޢުލީމީ ރޫޙް އުފެދިގެން ދާނެކަމަށް ހީކުރެވޭތީއެވެ. މިކަމުގެ ސަބަބުން ހަރުދަނާ މުޖުތަމަޢެއް ބިނާވެގެން ދާނެތީއެވެ. ސުލްޙަ މަސަލަސްކަން އުފެދި މިވެށީގައި ދިރިއުޅޭ އެންމެންނަށް ލާބަލިބިގެން ދާނެތީއެވެ. އަންނަންއޮތްޖީލުއިސްލާޙް ކުރުމުގައި އެމީހުންގެ ޙިއްސާ ފުރިހަމައަށް ލިބިގެން ދިއުމަށް އެދެވޭތީއެވެ.

މުދައްރިސުން މޮޅުބައެކޭބުނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ކުއްޖާގެ އުގެނުމަށްބޭނުންވާ ބޭސް ތައްޔާރުކޮށް އެބޯންދީ، ވާނުވާބަލަނީ މުދައްރިސުންނެވެ. އެބޭހަކާއި ނުގުޅޭކުއްޖަކު އުޅޭނަމަ އާބޭހެއް ތައްޔާރުކޮށް ފަރުވާދެނީ މުދައްރިސުންނެވެ. ކުއްޖާ ނުބޯން އުޅުނަސް މޮޅު އުކުޅުތައް ބޭނުންކޮށްގެން ކުއްޖާއާ ހަމައަށް އެބޭހެއް ފޯރުކޮށްދެއެވެ.

މުދައްރިސުންނަކީ ކުއްޖާގެ ދެވަނަ ބެލެނިވެރިންނެވެ. ދަރިވަރުންގެ އިޙްސާސްތައް ދެނެގަނެ ކުއްޖާގެ މިޒާޖާގުޅޭގޮތުން ކަންތައް ރާވައިގެން އެހީތެރިވެދެއެވެ. ކުއްޖާގެ ހެދިބޮޑުވުމާއި، ދުޅަހެޔޮކަމަށް ބާރުއަޅައިދެއެވެ. ގާތްކަމާއި ލޯބިދެއެވެ.ރަގަޅު އެކުވެރިން ހޯދުމުގައި އެހީވެދެއެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރާށާއި، ނަފްސުގެ އަގުވަޒަން ކުރަން ދަސްކޮށްދެއެވެ. ރީތިއަދަބުތަކަށް މަގުފަހިކޮށްދެއެވެ. ހެވާއިނުބައި ދަސްކޮށްދެއެވެ.

މުސްލިމަކަށްވީތީ ކޮންމެހެން އަދާކުރަންޖެހޭ ކަންތައްތައް އޮޅުންފިލުވައިދެއެވެ. މުޢާމަލާތް ކުރުމުގެ ހުނަރުތަކާއި، ސާފްދިވެހިބަހުން ކުށެއްނެތި މުއާސަލާތު ކުރަންދަސްކޮށްދެއެވެ. ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށާއި، ވަޒީފާއެއް އަދާކުރުމަށް ބޭނުންވާ ކަންކަމަށް މަގުފަހިކުރުވައެވެ. އަދާކުރަންޖެހޭ ވާޖިބުތައް ދަސްކޮށްދީ އެކަންކަމުގެ މުޙިއްމުކަން ވިސްނައިދެއެވެ. ދުނިޔެއާއި އާޚިރަތުގެ ޙަޔާތް ބާއްޖަވެރިކުރުމަށް ބޭނުންވާ ހުރިހާމަގެއް ކޮށައިދެއެވެ.
މުދައްރިސުން މުޙިއްމުބަޔަކަށްވީތީ، އެބައިމީހުންގެ ހުރިހާ ސިފަތަކާއި، އުޅޭގޮތް ކުދިން ކޮޕީކުރަން ބޭނުންވެއެވެ. ވުމާއިއެކު މުދައްރިސުން ހުރިހާގޮތަކުން ދަރިވަރުންނަށް ނަމޫނާއެއް ދެއްކުމަށް މަޖުބޫރުވެއެވެ. ފުރިހަމަ ނަމޫނާގައި ހިފެހެއްޓުމުން ޚުދު ތިމާއަށްވެސް އެކަމުގެ ހެޔޮއަސަރުކުރާނެއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ