ނަމޫނާ ރައްޔިތެއް!!! ކުޑަ އާބާދީ އެއް؟؟؟

0

ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމުގައި ބ. ކިހާދޫ އަކީ ނަމޫނާ ރަށެކެވެ. ރަށު ސުކޫލާއި އިންޖީނުގެ، ރަށުގެ ބަނދަރުގެ ބުރަ މަސައްކަތް އަދި ބޯޅަގެ މިކަމުގެ ހެއްކަކަށް ފުދެއެވެ. މިފަދަ ކިތަންމެ މަސައްކަތެއް މާޒީގައި ކުރެވިފައި ވާނޭކަމަށް އަޅުގަނޑުޤަބޫލުކުރަމެވެ. ނަމަވެސް ރިޕޯރޓްގައި އަޅުގަނޑު އަލިއަޅުވާ މިލަނީ މިސާސްކަފުގައި ކުރެވިފައިވާ މިފަދަ ބައެއް މަސައްކަތް ތަކަށެވެ.
ފުރަތަމަ ކަމަކަށް ކިހާދޫ ބަނދަރު ހެދުމުގެ މަސައްކަތަށް ބަލައިލަމާ ތޯއެވެ؟ ކިހާދުއްފަރު ރިސޯޓަށް ކުދިރުއް ގެންދިއުމަށް ކިހާދުއަށް ގެނައި ހައިމާކު އާނެރަށް އެރުނީ ނެރު ފުންކޮށްލުމަށެވެ. ސަރުކާރުން ހުއްދަ ހޯދީވެސް ނެރު ފުންކޮށްލުމަށެވެ. ނަމަވެސް ރައްޔިތުންގެ މިންނެތް މަސައްކަތުން ކާމިޔާބުކަމާއެކު މަސައްކަތް ނިމިގެން ދިޔައީ، ކުޑައާބާދީ އެއް އޮތް ކިހާދޫ އާ އަޅާ ބަލާއިރު މީހަކު ހީވެސް ނުކުރާހާ ފުރިހަމަ ކޮށެވެ. މީ މުޅި ދިވެހިރާއްޖޭގައިވެސް އެހާތަނަށް ރަށެއްގެ ރައްޔިތުބަޔަކު ސަރުކާރުގެ ބަޖެޓުން ކުރި ހަރަދަކާނުލާ ހެދި ފުރަތަމަ ބަނދަރެވެ. ބަނދަރުގެ މަސައްކަތް ރައްޔިތުން ކުރަމުން ދަނިކޮށް ކިހާދުއަށް ވަޑައިގެން އޭރުގެ އެޓޯލްސް މިނިސްޓަރ އޮނަރަބަލް ޢަބްދު ﷲ ޙަމީދުވެސް މިކަން ފާހަގަ ކުރެއްވި އެވެ. ދެންފެނިގެން ދިޔައީ ކިހާދޫ ރައްޔިތުންގެ މިމަސައްކަތުން ހިތްވަރު ލިބިގެން އަތޮޅުގެ ކުދި ރައްތަކުން ބަނދަރުގެ މަސައްކަތް ފެށިތަނެވެ. ރައްޔިތު ފިރިހެނުންނާއި އަންހެނުންގެ ފޫހިކަމެއްނެތް ހީވާގި މަސައްކަތާއި އަދި ރައްޔިތުންގެ މާލިއްޔަތުން އެތަކެއް ފައިސާ އެއް މިމަސައްކަތަށް ހޭދަކުރެވުނެވެ.
ކިހާދޫގެ ކަރަންޓްގެ ޚިދުމަތް ފުޅާކޮށް ޒަމާނީފެންވަރަށް ގެނައުމަށްޓަކައި ކުރެވުނު ބުރަ މަސައްކަތަކީވެސް މިފަދަ އަގުނުކުރެވޭފަދަ މަސައްކަތެކެވެ. ބޭނުން ކުރެވެމުންދިޔަ އިންޖީނުތައް އޯވަރލޯޑު ވުމާ، ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑައިގެން ދިޔުމަކީ އޭރު ކިހާދޫއަށް ދިމާވެފައިވާ ވަރަށްބޮޑު މައްސަލައެކެވެ. މައްސަލަ ހައްލުވާނެ މަގެއްފެނޭތޯ ސަރުކާރުގެ ކަމާބެހޭ ހުރިހާފަރާތްތަކެއްގައި އާދޭސް ދެންނެވުނެވެ. ނަމަވެސް ރަށުގެ އާބާދީ ކުޑަވުމާއެކު މިކަމަށް ސަރުކާރުން އެދެވޭ ސަމާލުކަމެއް ނުދެއްވިއެވެ. ކަން މިހެން ވިޔެއްކަމަކު ރ.ކ.ކޮމެޓިގެ ހިތްވަރުގަދަބޭފުޅުންގެ ޢަޒުމަކަށް ބަދަލެއް ނާދެއެވެ. އެއްގޮތް ނެތިއްޔާ އަނެއްގޮތް އޮންނާނެ ކަމުގައި ދެކިގެން ރައްޔިތުންގެ ނަމުގައި ލޯނުނަގައިގެން މިމަސައްކަތް ކުރުމުގެ ޚިޔާލު ރައްޔިތުންނާ ހިއްސާ ކުރެވުނެވެ. ރައްޔިތުންގެ ގިނަބަޔެއްގެ ފުރިހަމަ ތާއީދާއެކު ރ.ކ.ކޮމެޓިން މަސައްކަތް ފަށައިގަތެވެ. ގިނަ ބަހުސް ތަކަކަށްފަހު ކަމާ ބެހޭގޮތުން ޢަމަލުކުރާނެ ފުރިހަމަ ޤަވާއިދެއް އެކުލަވާލައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ފާސްކުރެވުނެވެ. މިއަށްފަހު ކިހާދޫ ރައްޔިތުންގެ ނަމުގައި ނެގުނު ހަތަރު ލައްކަ ރުފިޔާގެ ލޯނުފައިސާ އާއި ރައްޔިތު ފިރިހެނުންނާއި އަންހެނުން ކުރި ބުރަ މަސައްކަތުން ޤާއިމު ކުރެވުނު ކަރަންޓްގެ ވިއުގަ އަކީ މިއަދުވެސް އެކަމާ މުޅިކިހާދޫ އުފާ ކުރާ ކަމެކެވެ.
ދެން ފެނިގެން ދިޔައީ ކިހާދޫ ސްކޫލްގައި ސެކަންޑަރީއަށް ކިޔަވާދޭން ފެށުމަށްޓަކައި ކުރެވުނު އަގުހުރި މަސައްކަތެވެ. ރަށުންބޭރުގައި މައިންބަފައިންނާ ދުރުގައި ޅައުމުރު، ދަތިހާލުގައި ތަޢުލީމު ޙަސިލް ކުރަމުން ދިޔަ ހިތްދަތި ދިރިއުޅުން ނިމުމަކަށް ގެނައުމަށް ކިހާދޫގެ އެންމެހާ ރައްޔިތުން ގުޅިގެންފެށި ބުރަމަސައްކަތެވެ. ކިހާދޫ ސްކޫލްގެ އިސްނެގުމާއެކު ރައްޔިތުންނާ ބައްދަލުކޮށް އެކުލަވާލި ޓާސްފޯސް ގެބެލުމުގެ ދަށުން ފައިސާ ހޯދުމުގެ ތަފާތު އެތަކެއް މަސައްކަތެއް ކުރެވުނެވެ. ސަރުކާރިގެ ކަމާގުޅޭ ފަރާތްތަކާ ބައްދަލުކޮށް ކަމުގެ ތައްޔާރީތަށް ފެށުނެވެ. އޭރުގެ އުސޫލު އަންނަގޮތުން ސްކޫލްގައި 100 ދަރިވަރުން ހަމަވާން ޖެހޭތީވެ ޕީ.ޓީ.އޭ. އިން ހުރިހާ ހަރަދެއް ކުރާގޮތަށް އެހެނިހެން ރަށްރަށުން ކުދިން ހޯދުމުގެ މަސައްކަތް ކުރެވުނެވެ. ކިހާދޫ ރައްޔިތުންގެ މިމަސައްކަތް ނަމޫނާ އަކަށް ދެކިގެން ދޮންފަނާއި ރ.ފައިނު އަދި ރ.ކިނަޅޮހުގައި މިމަސައްކަތް ފަށައި ގަތެވެ. ސެކަންޑަރީއަށް ކިޔަވާދޭން ފަށާއިރު ކުލާސް ރޫމްގެ ދަތިކަމާއި ލައިބްރަރީ އަދި ކޮމްޕިޔުޓަރ ލެބެއް އިމާރާތް ކުރުމުގެ މަސައްކަތް ޕީ.ޓީ.އޭ. ގެ ބަޖެޓުން ޚަރަދު ކުރާ ގޮތަށް ފެށުނެވެ. މިހުރިހާ ތައްޔާރީ ތަކާއެކު ކިހާދޫ ސްކޫލްގައި 2008 ވަނަ އަހަރު ސެކަންޑަރީ އަށް ކިޔަވާދޭން ފެށުނެވެ. އެދުވަހު ކުރެވުނު ބުރަމަސައްކަތުގެ ހެޔޮނަތީޖާގެ ފޮނިރަހަ ބެލެނިވެރިންގެ އަރުގައި މިއަދު މިދަނީ ކިތަންމެ ރަނގަޅަކަށްވެސް ލަމުންނެވެ. ރަށުންބޭރުގައި ކިޔެވިއިރު ދަރިވަރުން ހޯދިނަތީޖާތަކާ ނުބައްދަލު ރަނގަޅު ނަތީޖާތަކެއް ކިހާދޫގެ ދަރިވަރުން މިއަދު މިދަނީ ހޯދަމުންނެވެ.
ފުޓްބޯޅަ ދަނޑުގައި އިމާރާތް ކުރެވިފައިވާ ބޯޅަގޭގެ ވާހަކަ މިރިޕޯރޓް ގައި އަޅުގަނޑު ހިމަނާލަން ބޭނުންވީ މީރައްޔިތުން ނުކުމެ ކުރިމަސައްކަތަކަސް ވެގެންނެއް ނޫނެވެ. ނަމަވެސް ފުޓްބޯޅައަށް މަރުދޭ ކިހާދޫ ޒުވާނުންގެ އެކުވެރިކަމާއި އެއްބާރުލުމުގެ ދިރިހުރި ނިޝާނަކަށް ވީތީ އެވެ. މީގެ ފުރިހަމަ ހެއްކަކީ ކިހާދޫ ފިޔަވާ ބ.އަތޮޅުގެ އެއްވެސް ރަށެއްގައި މިފެންވަރު ބޯޅަގެއެއް މިހާތަނަށް އެޅިފައި ނުވާކަމެވެ. ޒުވާނުންގެ މިންނެތް މަސައްކަތުން ފައިސާ ހޯދައިގެން ކުރެވުނު މިފުރިހަމަ މަސައްކަތުގެ ފޮނިނަތީޖާ މިއަދު މިދަނީ ކިތަންމެ ރަނގަޅަކަށވެސް ލިބެމުންނެވެ. ކިހާދޫގެ ޒުވާނުންގެ ފުޓްބޯޅަ މުބާރާތް (ޔޫތުކަޕް) މެދުކެނޑުމެއްނެތި 18 އަހަރު ވަނީ ކުރިއަށް ގެންދެވިފައެވެ. އަދިވެސް ހަމަ މިގޮތުގައި ދަނީ ކުރިއަށެވެ. އިރާދަކުރެއްވިއްޔާ ދާނީވެސް ކުރިއަށެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ އަކީ ކުޑައާބާދީއެއް އޮތެއްކަމަކު އެކުވެރިކަމާ އެއްބައިވަންތަ ކަމާއެކު ރަށުގެ ތަރައްގީ އާއި ފަސޭހަކަން ލިބިގަތުމަށް ހިންމަތާއެކު މަސައްކަތް ކުރުމުގައި މުޅި ދިވެހިރާއްޖެއިންވެސް ނަމޫނާ ރަށެކެވެ. މިއީ އިންސާފުގެ ލޮލަކުން ބަލައިފި ކޮންމެ މީހަކު ހެކިވެ އެއްބަސްވާނެ ހަޤީޤަތެކެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ