ތިމާވެށި ޙިމާޔަތްކުރުން- ޤަރުނުގެ ބޮޑު އަރަތް

0

ދިވެހިރާއްޖެއަށް އެންމެގިނައިން ބޭރުފައިސާލިބޭ، އަދި އިޤްތިޞާދީ އެންމެބޮޑު ސިނާޢަތަކީ ފަތުރުވެރިކަމުގެ ޞިނާޢަތެވެ. އެހެންކަމުން، ދެމެހެއްޓެނިވި ފައިދާހުރި ފަތުރުވެރިކަމެއް ދާއިމީގޮތެއްގައި ކުރިއަށްގެންދަންބޭނުންނަމަ، އަޅުގަނޑުމެންގެ ވަށައިގެންވާ ވެށި ޙިމާޔަތްކުރުމަކީ ކޮންމެހެން ބޭނުންކަމެކެވެ. ތިމާވެށި ޙިމާޔަތްކުރުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ވަރަށްގިނަ ޢަދަދެއްގެ އަމިއްލަ ޖަމްޢިއްޔާތައްވެސް ދިވެހި ރާއްޖޭގައި ޙަރަކާތްރެރިވަމުން ގެންދެއެވެ.
ސުވާލަކީ މިފަދަ މުޢައްސަސާތަކާއި ޖަމާޢަތްތަކުން ޒިންމާދާރުގޮތެއްގައި އެފަރާތްތަކުގެ މަސްއޫލިއްޔަތު އަދާކުރެވޭބާވައެވެ. ބ. އަތޮޅަކީ ޔުނެސްކޯގެ ބަޔޯސްފިއަރ ރިޒާރވަކަށްވާއިރު، ބ. އަތޮޅުގައި ތަރައްޤީ ކުރެވިފައިވާ ރިސޯރޓުތަކުގެ ޒިންމާ މިކަމުގައި އިންތިހާއަށް ބޮޑެވެ. ނަމަވެސް ބ. އަތޮޅުގެ ބައެއް ރިސޯރޓްތަކުން ބައެއްފަހަރު ޢަމަލުކުރަމުން ގެންދަނީ އެންމެރަނގަޅަށް ކަމުގައި ދެންނެވޭކަށް ނެތެވެ. ބައެއްރިސޯރޓްތަކުން ފަނާނުވާ ޒާތްޒާތުގެ ކުނި މޫދަށް އަޅަމުންދާއިރު، އަނެއްބައި ރިސޯރޓްތަކުން ދަނީ ތަފާތު ބޭނުންތަކަށް ގޮނޑުދޮށުން ވެލިނަގަމުންނެވެ. މީގެއިތުރުން ދޫނި ބިސް އާޅާ ފިނޮޅުތަކުގައި ރޭގަނޑު ބާބެކިއު ހެދުމާއި ހަނީމޫން ޑިނަރތައް ބާއްވަމުން ގެންދިއުމުގެ ސަބަބުން މިތަކެތީގެ ދިރުމަށް ނުރައްކާވެ އެތަކެތީގެ ނަސްލު މިވަނީ ނުރައްކަލަށް ހުށަހެޅިފައެވެ.
އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާގޮތުގައި، މިވަގުތު ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ އެންމެބޮޑޮ ގޮންޖެހުމަކީ ކުނިބުނީގެ މައްސަލައެވެ. ފިނޮޅުތަކާއި ފަޅުރައްތަކުގެ ގޮނޑޮދޮއްތައްވަނީ ހުސްފުޅިއާއި ޕްލާސްޓިކް ސާމާނުން ތަޣައްޔަރުވެފައެވެ. ބައެއް ރިސޯރޓްތަކުގެ އެހީއާއިއެކު މީހުންދިރިއުޅޭ ބައެއްރަށްރަށުގެ ކުނި ތިލަފުށްޓަށް ގެންދާއިރު، އަތޮޅަށް ޒިޔާރަތްކުރާ ސަފާރީތަކުގެ ތިލަފުށްޓަކީ ފިނޮޅުތަކާއި ފަޅުރައްތަކެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ސީދާ ނަފާވެރިންގެ ފަރާތުން ފެންނަ މިފަދަ ޢަމަލުތައް ހުއްޓާލުމަށް ކިހާދޫ ލައިވުން އެފަރާތްތަކަށް އިލްތިމާސްކުރަމެވެ. އަދިމިކަމުގައި އަތޮޅު ކައުންސިލާއި ރަށުކައުންސިލްތަކުގެވެސް ދައުރެއްވާކަމުގައި ދަންނަވަމެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ