ފަޅުރަށްތަކާއި ފިނޮޅުތަކުގެ ފައިދާ މަދުބައެއްގެ ޖީބަށް!

0

ޖިއޮގްރަފީގޮތުން އަޅުގަނޑުމެންގެ މި ދިވެހިރާއްގެ އުފެދިފައިވަނީ ވަރަށް ތަފާތު ގޮތަކަށެވެ. އުތުރުން ދެކުނަށް ގަތާލެވިފަވާ ރަށްތައް ވަނީ އަތޮޅުތަކަކަށް ބަހާލެވިފައެވެ. އަދި ކޮންމެ އަތޮޅެއްގައި މީހުން ނޫޅޭ ފަޅުރައްތަކާއި ފިނޮޅުތައް އުފެދިފައިވާއިރު، މި ފަދަ ތަންތަނުގެ ބޭނުން އެސަރަހައްގެއްގައި އުޅޭ މީހުންދަނީ ތަފާތު ގޮތްގޮތަށް ކުރަމުންނެވެ. ސުވާލަކީ މިފަދަ ފިނޮޅުތަކާއި ފަޅުރަށްތަކުގެ ބެލެނިވެރިކަން ހަވާލުކުރެވި އޭގެ ފައިދާ ބޭނުންކުރެވެމުންދަނީ އެންގެ އެދެވޭ ގޮތެއްގައިތޯއެވެ.
އެންމެކުރީޒަމާނުގައި މިފަދަ ފަޅުރަށްތައް ވެފައިވަނީ ވެރިކަމާއި ގާތްގުޅުން އޮންނަ މާލޭގެ ނަން މަޝްހޫރު ބޭބޭފުޅުންގެ ތަރިކަ މުދަލެއްކަމުގައެވެ. ނަމަވެސް އޭގެފަހުން ކޮންމެވެސް ކަހަލަ އުސޫލްތަކެއްގެދަށުން ނަމެއްގައި ބިޑްކުރެވިގެން ބައެއްފަރާތްތަކާއި ރަށްރަށް ހަވާލު ކުރެވިފައި އެބަހުއްޓެވެ. މިގޮތުން ބ. އަތޮޅަށް ބަލައިލާއިރު މިދެންނެވި ފަދަ ތަންތަނުން ރަށްވެރިންނަށް ލިބޭ ނަފާ މާ ރަގަޅެވެ. ސަބަބަކީ މިފަދަ ރަށްވެރިން ސަރުކާރަށް ވަރުވާގެ ގޮތުގައި ދައްކަނީ ލިބޭ އާމްދަނީގެ ނިސްބަތުން ވަރަށް ކުޑައެއްޗެކެވެ. ބައެއް ފަޅުރަށްރަށުގެ ކުލީގެ ގޮތުގައި މަހަކު 1000 ރުފިޔާ ސަރުކާރަށް ދައްކާއިރު އެފަރާތްތަކަށް މިފަދަރަށްރަށް ރިސޯރޓްތަކަށް ކުއްޔަށް ދީގެން މަހެއްގެ މައްޗަށް 5000 އާއި 8000 ދެމެދުގެ އާމްދަނީއެއްލިބެމުންދެއެވެ. ރަށްވެރިފަރާތުން މިފަދަ ތަންތަނުގެ ދެމި އޮތުމަށް ކުރާ އެއްވެސް ކަމެއްނޯވެއެވެ. އެންމެކުޑަމިނުން މިރަށްރަށް ސާފުކޮށް ބެލެހެއްޓުމުގެ އެއްވެސް ޒިންމާއެއް ވެރިފަރާތަކުން ނުނަގައެވެ.
ހަމަމިޔާއެކު ބައެއްފަޅު ރަށްތަކާއި ފިނޮޅުތަކުގެ ޙަޤީޤީ ބެލެނިވެރިފަރާތް ވަނީ އޮޅިފައެވެ. ބައެއް ރިސޯރޓްތަކުން އެމީހުންގެ ރޮބިންސަން ޕިކްނިކްގެ ގޮތުގައި ބޭނުންކުރާ ރަށްރަށް އެފަރާތްތަކާއި ހަވާލުކުރިކަމެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަކަށް ނޭގެއެވެ. އެހެންކަމުން މިގޮތަށް އަތޮޅުގައި ހުރި ރިސޯރސަސް އެންމެ ރަގަޅުގޮތުގައި ބެލެހެއްޓި އޭގެ ފައިދާ ސީދާ ރައްޔަތުންނަށް ކުރާނީ މިފަދަ ތަންތަނުގެ ބެލެނިވެރިކަން އަތޮޅު ކައުންސިލް ތަކާއި ޙަވާލުކުރުމުން ކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަމެވެ. އަތޮޅުގައި ހުރި މިފަދަ ތަންތަނުގެ ފައިދާ އެއްވެސް މަސައްކަތެއް ނުކޮށް މަދު ބައެއްގެ ޖީބަށް ދިއުން މީ އަޅުގަނޑުމެންގެ އަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ