ކެންދޫ ދާއިރާއިން ތަސްމީނަށް އަދިވެސް ތާއީދު އެބައޮތްބާ؟؟

0

ކެންދޫ ދާއިރާއިން މިފަހަރު މަޖްލީހަށް ކުރިމަތި ލައްވާފައިވަނީ ހަތަރު ކެނޑިޑޭޓުންނެވެ. އެއީ ޢަލީ ޙުސެއިން، ނަސްރުއްﷲ އަލީ، ޝަރީފާ ސަޢީދު އަދި މިހާރުވެސް މިދާއިރާގެ ގޮނޑިފުރުއްވަމުން ގެންދަވާ އަޙްމަދު ތަސްމީން އަލީއެވެ. މިދާއިރާއިން އެމް.ޑީ.ފީއިން ވާދަކުރައްވާ ކެނޑިޑޭޓްގެ ގޮތުގައި އަޙްމަދު ތަސްމީން އަލީ ހޮވިވަޑައިގެންނެވީ ޕްރައިމަރީގައި މައުރޫފް ޒަކީއާ ވާދަކޮށް ކުރިހޯއްދަވައިގެންނެވެ. އެހެން ނަމަވެސް މިދާއިރާ ނިސްބަތްވާރަށް އަދި މިދާއިރާގެ އެމް.ޑީ.ޕީގެ އާބާދީ އެންމެބޮޑުރަށް ކެންދޫގެ ވޯޓް މިއިންތިހާބުގައި ނުގުނާކަން ފާހަގަކޮލަންޖެހެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ތަސްމީން އެމްޑިޕީއާ ގުޅިވަޑައިގެން ހިސާބުން ކުރިން ތަސްމީނަށް ތާއީދުކުރި އެތައްބަޔަކުވަނީ އެތާއިދު އަނބުރާ ގެނަސްފައެވެ. އަދި އެމް.ޑީ.ޕީ މެންބަރުންގެ ތާއީދު އޭނާޔަށް ލިބިގެން ދިޔައެވެ. އެހެންނަމަވެސް ކެންދޫދާއިރާއަށް އެމް.ޑީ.ޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓަކީ ތަސްމީންކަން އެނގުނުހިސާބުން އެދާއިރާގެ ގިނަމެންބަރުން މާޔޫސްކަން ލިބިގެންދިޔައެވެ. ސަބަބަކީ ކެންދޫގެ ވޯޓުފޮށި ޕްރައިމަރީގައި ބާތިލްކޮށްފައިވުމެވެ. ކެންދޫއަކީ އެ ދާއިރާގައި އެމްޑީޕީ މެންބަރުން އެންމެ ގިނަ ރަށް ކަމަށްވާ އިރު އެ މެންބަރުންގެ ހައްގު އުނިވާ ގޮތަށް ބޭއްވި އިންތިހާބެއް ކަމުގައިވުމެވެ. އަދިހަމަ އެހެންމެ ތަސްމީން މިދާއިރާގެ މެންބަރުކަން ކުރައްވާތާ 20 އަހަރު ވެގެންދާއިރު، ދާއިރާއަށް ކަމެއްކޮއްދީފައި ނުވާ ވާހަކައަކީ ކުރިން އެމެންބަރުން އެންމެ ހަރުކޮއްދެއްކިވާހަކައެވެ.
ކަންމިހެން އޮތުމާއެކު ތަސްމީނަށް ތާއީދުކޮށް ކެންޕޭންކުރުން އެމް.ޑީ.ޕީގެ މެންބަރުންނަށްވަނީ ލަދުވެތިކަމަކަށްވެފައެވެ. އެހެންނަމަވެސް ޕާޓީރޫހުގައި ޕާޓީކެންޑިޑޭޓަށް، “ތިލަފަތަށް” ވޯޓްދެން ތައްޔާރަށް ތިބި މެންބަރުންގެ އަދަދުވެސް މަދެއްނޫނެވެ. އަދި ހަމައެހެންމެ މަޖުބޫރީހާލަތެއްގައި ތަސްމީނަށް ކެންޕޭނު ކޮށްދިން ނަމަވެސް ތަސްމީނަށް ވޯޓް ނުދޭނެ މެންބަރުން ތިބިކަންވެސް ފާހަގަކޮންލަން ޖެހެއެވެ. އެކަމަކުވެސް އުފެދޭ ސުވާލަކީ ކުރިން އޮތްތާއީދު ތަސްމިނަށް ހަމަ އޮވެދާނެބާއެވެ؟.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ