އެއްވެސް މެޗަކުން ބަލިނުވެ ކިހާދޫ ޗެންޕިއަންކަން ހޯދާފި

0

އަތޮޅުގެ ރަށްތަކަށް ދައުވަތުދީގެން ދޮންފަނުގައި ކުރިއަށް ގެންދިޔަ “ދޮންފަނު އިންވިޓޭޝަން ކަޕް” 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވާދަވެރި ދަރަވަންދޫ ބަލިކޮށް ކިހާދޫ ހޯދާފިއެވެ.

އިއްޔެ ހަވީރު ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ޙުސައިން އިކްލީލް އެވެ. މިލަނޑާއެކު ޙުސައިން އީކުލީލް 23 އަހަރުން ދަށުގެ ޓީމަށް އަލްވަދާޢުކީނަމަވެސް ކިހާދޫގެ ތާރީޚްގައި ޙުސައިން އިކުލީލްގެ ނަން ރަންއަކުރުން ފެވިގެންދާނެއެވެ.

ކިހާދޫ އަދި ދަރަވަންދޫގެ ގިނަ އަދަދެއްގެ ސަޕޯޓަރުންކުޅިބަލަން އައި މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެޓީމަށްވެސް ވަނީ ލިބިފައެވެ. މެޗު ފެށިގެން ދަރަވަންދޫ ޓީމުން މެޗް ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔަނަމަވެސް ކިހާދޫ ޓީމްގެ ކުޅުން މަޑުމަޑުން ރަގަނޅުކޮށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ.

މިގޮތުން ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ކިހާދޫ ޓީމުގެ ޢަލީ އަނީސް ދަރަވަންދޫގެ ދެޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވިއިރު ދަރަވަންދޫ ޓީމަށްވެސް ލިބުނު ފުރުސަރުގައި ގޯލް ޖެހޭގޮތެއްނުވިއެވެ. ދަރަވަންދޫ ޓީމުގެ ހުސައިން ނާސިފް ފޮނުވާލި ބޯޅާގެ ހުރަހަކަށްވީ ކިހާދޫ ޓީމްގެ ޒުވާން ކީޕަރ އަލީ ނާޖިހްއެވެ. އަދި ދެވަނަ ހާފު ފެށިތަނާހެން ކިހާދޫ ޓީމުގެ އިކްލީލްއަށްވެސް ލިބުނީ އޭނާގެ ކޮއްކޮ އަލީ އަނީސްއަށްވެސް ލިބުނުފަދަ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެކެވެ. ދަރަވަންދޫ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެޓީމުގެ ސާމިހު ޢަލީ ޝަރީފް ފޮނުވާލި ބޯޅައިގެ ހުރަހަކަށް މިފަހަރުވެސްވީ ކިހާދޫ ޓީމްގެ ޒުވާން ކީޕަރެވެ. އޭގެ ފަހުންވެސް ލަނޑު ޖަހަން ސާމިހުއަށް ލިބުނު ހުސް ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް އަދި މުޅިމުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިހާދޫ ޓީމުގެ ކެޕްޓަން ޙުސައިން އީމާން (މާނު ) އެވެ.

23 އަހަރުން ދަށުގެ ޓީމާއެކު ކޯޗިން ކެރިއަރު ފެށި ޒުވާން ކޯޗް މުޙައްމަދު ނިޔާޒް ކޭ.އެލް އާމަޢުލޫމާތު ހިއްސާކުރަމުން ވިދާޅުވީ “މިއީ ވޭތުވެދިޔަ 10 އަހަރުތެރޭ ލިބުނު އެންމެ ބޮޑު ކާމިޔާބީ، މިއީ ކިހާދޫގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މިކުޅުންތެރިންނަކީ ކުރިއަށް އޮތްތަނުގައި ކިހާދޫ ތަމްސީލު ކުރާނެ ކުދިން. މި ކާމިޔާބީ މި ހޯދުނީ ރަށުގެ ރައްޔިތުން ދިން ފުރިހަމަ ސަޕޯޓާވެސް އެކު.” އަދި މިއީ ހުރިހާ ކުޅުންތެރިން ދެއްވި އެއްބާރުލުމާއި ކުރި ހިތްވަރުގެ ނަތީޖާ ‘ ވަކިން ޙާއސަކޮށް ކިހާދޫގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓް ދުވަހަކުވެސް ހިތުން ފިލާނުދާނެކަމުގައި ކޯޗް ވިދާޅުވިއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ