ކުޑަރިކިލު ބަލިކޮށް ކިހާދޫ ސެމީއަށް

0

ބ. އޭދަފުށީގައި ކުރިއަށްދާ ބ.އެޓޯލް ފުޓްބޯލް ޗެލެންޖުގައި ކިހާދޫ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ސެމީފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ. އިއްޔެ ހަވީރު ކުޑަރިކުލާއި އެކު ކުޅުނު މެޗު ކިހާދޫ ކާމިޔާބުކުރީ 2-1 އިންނެވެ.

މި މިމެޗުގައި ކިހާދޫން ޖެހި ދެ ގޯލުވެސް ކާމިޔާބުކޮށްދީފައިވަނީ އުމުރުން 18 އަހަރުގެ ހުސެއިން އީމާން އެވެ.
އީމާންގެ ފުރަތަމަ ގޯލު ފެނިގެންދިޔައީ މެޗްގެ 35 މިނިޓުގަ އެވެ. އޭރިޔާ ތެރެއަށް، ހުސެއިން އިކްލީލް ނަގައިދިން ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު އީމާން ވަނީ ހަމަޖެހިލާފައި ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ. ކިހާދޫގެ ދެވަނަ ގޯލު އީމާން ޖެހީ އިބްރާހިމް ފަޒީލް ނަގައިދިން ހުރަހެއް ކޮންޓްރޯލް ކުރުމަށްފަހު ކުޑަރިކިލުގެ ކީޕަރަށް ފުރުސަތެއް ނުދީއެވެ.

ކިހާދޫން ދެ ގޯލް ޖެހުމާއިއެކު ކުޑަރިކިލުން ވަނީ ޓީމު ކުރިއަށް ޖައްސައި ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ. މެޗް ނިމެން ދަނިކޮށް ކުޑަރިކިލަށް ގޯލް ޖަހައިދިނީ ޢަހުމަދު ހުމައިދެވެ. ހުމައިދު މި ގޯލް ޖެހީ ކިހާދޫގެ ގޯލް ކީޕަރު ހުސެއިން ޝިމާއުއަށް ރަތްކާޑު ދެއްކިތާ ކުޑައިރުކޮޅެއް ފަހުންނެވެ. މެޗްގެ 83 ވަނަ މިނިޓުގައި ދެ ރީނޑު ކާޑާއި އެކު ރަތްކާޑެއް ޝިމާއުއަށް ދެއްކީ އޭރިޔާ ބޭރުން ކުޑަރިކިލަށް ދިން ޖެހުމަކާއި ގުޅިގެން ރެފްރީ އާއި ހުތުރު ބަހުން މުޢާމަލާތު ކުރުމުގެ ސަބަބުންކަމަށް ވެއެވެ. ކުޑަރިކިލުން ގޯލެއް ޖެހިނަމަވެސް ކިހާދޫން ވަނީ މެޗުގެ ބާކީބައި ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިހާދޫ ޓީމަށް ދެގޯލް ޖަހައިދިން ހުސެއިން އީމާން އެވެ.

Kihaadhoo supporters

ކިހާދޫޓީމްގެ ސަޕޯޓަރުން- ފޮޓޯ: އީޓީ ފޭސްބުކް

މި މޮޅާއެކު ކިހާދޫ ޓީމަށް ވަނީ ސެމީގެ ޖާގައެއް ކަށަވަރު ވެފައެވެ. ތިން ޓީމު ހިމެނޭ މި ގްރޫޕްގެ ފުރަތަމަ މެޗުގައި ކުޑަރިކިލާއި ގޮއިދޫ ބައްދަލުކުރި މެޗް ނިމުނީ އެއްވަރުވެގެންނެވެ. އެހެންކަމުން ގްރޫޕްގެ ފަހު މެޗްގައި ގޮއިދޫ އަތުން ބަލިވިޔަސް ކިހާދޫއަށް ސެމީގެ ޖާގައެއް ލިބެނޭވެ. ކުޑަރިކިލަށް ސެމީގެ ޖާގައެއް ލިބެން އޮތީ ކިހާދޫ އަތުން ގޮއިދޫ ޓީމް 0-1 އިން ނުވަތަ ދެ ގޯލުގެ ތަފާތަކުން ބަލިވެގެންނެވެ. މެޗު އެއްވަރު ކޮށްލިޔަސް ގޮއިދޫއަށް ސެމީގެ ޖާގައެއް ލިބޭނެ އެވެ. މި މެޗު ކުޅޭނީ މާދަމާ ހަވީރުއެވެ.

މި މުބާރާތުގައި މިހާތަނަށް ވަނީ 4 މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ގޮއިދޫއާއި ކުޑަރިކިލު ބައްދަލު ކުރި މެޗުވަނީ 1-1 އިން އެއްވަރު ވެފައެވެ. ދެވަނަ މެޗުގައި ފެހެންދޫ ވަނީ 2-4 އިން ދަރަވަންދޫގެ މަށްޗަށް ކުރި ހޯދާފައެވެ. ތިންވަނަ މެޗުގައި އޭދަފުށި މޮޅުވީ 2-4 އިން ދޮންފަނު ޓީމާކުޅެގެންނެވެ.

މިއަދުވެސް މުބާރާތުގެ ކުޅުން އޮންނާނެއެވެ. އެގޮތުން ގުރޫޕް އޭ ގެ ދެ މެޗް މިއަދު ކުޅޭނެއެވެ. ފުރަތަމަ މަޗުގައި މެންދުރުފަހު ބައްދަލު ކުރާނީ ދަރަވަންދޫ އަދި އޭދަފުށްޓެެވެ. ހަވީރު މެޗުގައި ދޮންފަނު ކުޅޭނީ ފެހެންދޫއާ އެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ